ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވީދާލި" ދެ ލިޔުމުގެ ބަދަލުގައި އިތުރު ލިއުމެއްގައި ސޮއިކޮށް، އަދި އެމަނިކުފާނުގެ އާއިލާ އިން ސޮއިކުރަން ޖެހޭ ލިޔުމުގައި ސޮއިކުރުމުން ނޫނީ ރައީސް ނަޝީދަށް ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ އެ ލިޔުންތަކުގައި ސޮއިކުރެއްވުމުން ވަގުތުން ރައީސް ނަޝީދު އެއާޕޯޓަށް ގެންދާނެ ކަމަށެވެ.
"ސޮއިނުކުރަނީސް ނުފުރޭނެ. އެއަށް ޖެހޭނެ ސޮއިކޮށްދޭން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ސޮއިކުރައްވާފައިވާ ދެ ލިޔުން އެމަނިކުފާނު ވީދާލީ އެ ލިޔުން ނަންގަވައިގެން ގިނަ އިރުތަކެއް ވަންދެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.
"ސޮއިކުރިފަހުން ވީދާލީ. އެ ޑޮކިއުމެންޓް އޭނަގެ އަތުގައި އޮވެފައި އޭނަޔާއި ލޯޔަރުން އެތައް އިރެއްގައި ވާހަކަ ދައްކާ ހަދާފައި ވީދާލީ. ވީދާލި އިރު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ތިއްބެވި،" އުމަރު ވިދާޅުވި އެވެ.
ރައީސް ނަޝީދު ބޭސްފަރުވާ އަށް ރައްޖެ އިން ބޭރަށް ފޮނުވުމާ ބެހޭ ގޮތުން ސަރުކާރުން ބޭރުގެ ފަރާތްތަކާ ވާހަކަ ނުދައްކާނެ ކަމަށާއި ރާއްޖޭގެ ޖަލެއްގައި ހުރި ކުށްވެރިޔަކު ރާއްޖެ އިން ބޭރަށް ފޮނުވުމާ ބެހޭ ގޮތުން ސަރުކާރުން ވާހަކަ ދައްކާނީ ހޯމް މިނިސްޓްރީއާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ސަރުކާރަކުން ބޭރުގެ ފަރާތްތަކާ ދެން ވާހަކައެއް ނުދައްކާނެ އެކަމަކާ އިނގޭތޯ. ރާއްޖޭގެ ޖަލެއްގައި ހުރި ކުށްވެރިޔަކު ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދިޔުމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ ދިވެހި ދައުލަތުގެ ފަރާތުން ހޯމް މިނިސްޓްރީއާ. ދިވެހި ދައުލަތާއި އެހެން ދައުލަތްތަކާ ވާހަކަ ދައްކާ ހުރިހާ ކަމެއްގައި، ނަޝީދާ ބެހޭ ގޮތުން ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކައި ޑީލެއް ނަހަދާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެއްއިރެއްގައި ރައީސް ނަޝީދުގެ ހާލު ވަރަށް ސީރިއަސް ވެގެން ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވި ކަމަށާއި ބޭސްފަރުވާ އަށް އެމަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާނެ ކަމެއް އޮތްތޯއާ މެދު މިހާރު ސުވާލު އުފެދިއްޖެ ކަމަށެވެ.
"ހިޔެއް ނުވޭ މިހާރު ވަރަށް ޝައްކު އުފެދިއްޖެ ނަޝީދު ރާއްޖެ އިން ބޭރަށް ދާނެ ވަރުގެ ކަމެއް އޮތޯއާ މެދު. މިހާރަކު ނޫޅުއްވާ ދާކަށް. ނަޝީދު ކުރިން އުޅުނީ ތިމާގެ މީހުން ގިނަވެގެން އެމީހުންނާ ބައްދަލުނުވެގެން. އެމީހުން ސިވިލް ކޯޓަށް ގޮސް މައްސަލަ ހުށަހަޅި. އެކަމަކު މިއަދު ނެތް އޭނާގެ ތިމާގެ މީހަކު އޭނަގެ ގެރަންޓީއެއްގެ ގޮތުގައި ސޮއިކުރާނެ،" އުމަރު ވިދާޅުވި އެވެ.
އެނބުރި ވަޑައިނުގެންފި ނަމަ ޒިންމާނަގަން ޖެހޭ ގޮތަށް އާއިލާގެ ބޭފުޅަކު ސޮއިކުރަން ރައީސް ނަޝީދު އިންކާރު ކުރައްވާ އިރު، މީގެ ކުރިން އާއިލާ އިން އެފަދަ ލިޔުމެއްގައި ސޮއިކޮށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
ރައީސް ނަޝީދު އުޅުއްވަނީ އިނގިރޭސިވިލާތަށް ވަޑައިގެން ފިއްލަވަން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އުމަރު ވިދާޅުވީ އެމަނިކުފާނު ފިއްލަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ފިއްލަވައިފި ނަމަ ވާނީ "ފިލި އަންނި" އަށް ކަމަށެވެ.
"ފިލި އަންނިއަށް ބަދަލުވާނެ ފިލައިފިއްޔާ،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދު އެ އުޅުއްވަނީ މީޑިއާގެ ހެޑްލައިންތަކުން ޖާގަހޯދުމަށް ޑްރާމާ ކުޅުއްވަން ކަމަށާއި ސިޔާސީ ކެރިއަރު ނިމުމަކަށް އަންނަ އިރު ޑްރާމާ ކުޅޭނެ ކަމަށެވެ.
"އޭނަ އަށް އެނގޭ ފުރައިގެން ދިޔުމުގެ ކުރިން ދިވެހި ރާއްޖޭގައި ޑްރާމާއެއް އޭނަ ކުޅެލަން ޖެހޭނޭ. އޭނަގެ ވާހަކަ މީޑިއާގެ ހެޑްލައިންތަކުގައި ހިންގާލައި، އެއީ އެ ކުރާކަމަކީ. މީހެއްގެ ސިޔާސީ ކެރިއަރު ނިމުމަކަށް އަންނަނީ ވިއްޔާ އެހެންވެއްޖެއްޔާ އެބަޖެހޭތާ ޑްރާމާ ކުޅެން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ޑޮކިއުމެންޓުތަކުގައި ސޮއިކުރުމުން ވަގުތުން ރައީސް ނަޝީދު އެއާޕޯޓަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުގެ މެސެޖަކީ މިއީ ގާނޫނީ ހުކޫމަތު ހިނގާ ގައުމެކޭ. އެހެންވީމާ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ޑޮކިއުމެންޓުތައް ފުރިހަމަކުރާށޭ. މިއަދު ވެސް ހަމަ ފުރޭނެ އެއިރުން. ސޮއިކުރާއިރަށް ވަގުތުން އެއާޕޯޓަށް ގެންދާނަން،" އުމަރު ވިދާޅުވި އެވެ.