ފީފާގެ ސެކެޓްރީ ޖެނެރަލް މަގާމުން ވަކިކޮށްފި

ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ޖެރޯމް ވަލްކޭ --- ފޮޓޯ:އޭޕީ

ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާ ފީފާގެ ސެކްރެޓަރީ ޖެނެރަލް ފްރާންސްގެ ޖެރޯމް ވަލްކޭ އެ މަގާމުން ވަކިކޮށްފި އެވެ.

ވަލްކޭ ފީފާގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ވަކިކުރިއިރު، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ޓިކެޓްތަށް އަގުބޮޑުކޮށް ވިއްކުމަށް، އެހެން ކުންފުންޏަކާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ހުރީ ވެސް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވަލްކޭ ނުވަ އަހަރަށް ސަސްޕެންޑްކުރުމަށް، މިދިޔަ ހަފްތާތެރޭ ފީފާގެ އެތިކްސް ކޮމެޓީން ވެސް ވަނީ ލަފާދީފަ އެވެ.

ފީފާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ވަލްކޭ މަގާމުން ވަކިކުރުމަށް ފީފާގެ އެމެޖެންސީ ކޮމެޓީން މި މަހުގެ ނުވަވަނަ ދުވަހު ނިންމާފައިވާ ކަމަށާއި، ފީފާގެ ސެކެޓްރީ ޖެނެރަލްގެ ޒިންމާ ވަގުތީ ގޮތުން އަދާކުރާނީ ޑރ.މާކަސް ކެޓްނާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފީފާގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމާއި 2007 ވަނަ އަހަރު ހަވާލުވި ވަލްކޭ ވަކިކުރިއިރު، ފީފާގެ އެތިކްސް ކޮމެޓީން ކުރި ތަހުގީގަށްފަހު އެ އިދާރާގެ ރައީސް ސެޕް ބްލެޓާ އާއި ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ވަނީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އަށް އަހަރަށް ސަސްޕެންޑްކުރުމަށް ނިންމައިފައެވެ.

comment ކޮމެންޓް