ދާދުގެ ދެ ލަނޑާ އެކު ގޯލްޑް ކަޕްގައި ރާއްޖެއިން ފެށުން ރަނގަޅު ކޮށްފި

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ބަނގުލަދޭޝް ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަސަން ނާއިޒް އުފާފާޅުކުރަނީ. މިއަދު ކެމްބޯޑިއާ އަތުން 3-2 އިން ރާއްޖެ މޮޅުވި މެޗުގައި ނާއިޒް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައި -- ފޮޓޯ: އިމޭޖަސް.އެމްވީ

ބަނގްލަދޭޝްގައި ކުރިއަށްދާ ބަންގުބަންދު ގޯލްޑްކަޕްގައި ރާއްޖޭއިން ކުޅުނު ފުރަތަމަ މެޗުގައި ހަސަން ނާއިޒް (ދާދު) ކާމިޔާބު ކުރި ދެ ލަނޑާ އެކު 3-2 ގެ ނަތީޖާ އަކުން ކެމްބޯޑިއާގެ މައްޗަށް ކުރި ހޯދައި ރާއްޖެއިން އެ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މިއަދުގެ މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ވަނީ ގޯލެއް ޖަހައި ލީޑްނަގާފައެވެ. މެޗުގެ ހަތަރު ވަނަ މިނެޓްގައި ރާއްޖޭ ޓީމަށް ކުރި ހޯދައި ދިނީ، ކެމްބޯޑިއާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އިސްމާއިލް އީސަ އެވެ.

ނަމަވެސް އޭގެ 10 މިނެޓް ފަހުން ކެމްބޯޑިއާގެ ކެޕްޓަން ވަންޑެތު ސޮން ރާއްޖޭގެ ޕެނަލްޓީއޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލްކީޕަރު ފައިސަލްގެ އަތް ދަށުން ގޯލުގެ ތެރެއަށް ވަދެގެން ކެމްބޯޑިއާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އޭގެ ފަހުން ރާއްޖޭގެ އިސްމާއިލް އީސަ އަށާއި ދާދުއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއް އިސްމާއިލް އީސަ ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ކެމްބޯޑިއާ ގޯލްގެ ހުރަސް ދަނޑިއަށެވެ. އަދި އަހްމަދު އަބްދުﷲ (ލިލީ) ނަގައި ދިން ހުރަހަކުން، ދާދު ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކެމްބޯޑިއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފްގައި ދެވަނަ ފަހަރަށް ރާއްޖެއަށް ލީޑް ލިބިގެންދިޔައީ މެޗުގެ 37 ވަނަ މިނެޓްގައި ދާދު ކާމިޔާބު ކޮށްދިން ރީތި ގޯލުންނެވެ.

ނަމަވެސް ރާއްޖެއިން ލީޑްގައި އޮވެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކެމްބޯޑިއާއިން ވަނީ ގޯލެއްޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ޑީނާ ޓިޓް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ހާފް އެ ނަތީޖާއި އޮވެ ނިމުނު އިރު ދެވަނަ ހާފްގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެެވެ. އެގޮތުން ކެމްބޯޑިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ވެންޑިތު ސޮން ރާއްޖެ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.

ކެމްބޯޑިއާ އަށް ލިބުނު ފުރުސަތުތަށް ގޯލަކަށް ހަދާ ނުލެވުނުއިރު ރާއްޖެއިން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ލީޑް ތިން ވަނަފަހަރަށް ނަގައިފައެވެ.

އެ ގޮތުން މެޗުގެ 79 ވަނަ މިނެޓްގައި ދާދު އެ ލަނޑު ކާމިޔާބްކުރީ ކެމްބޯޑިއާ އޭރިއާތެރެއަށް ހަމްޒާ ނަގައިދިން ހުރަސް އެޓީމު ކީޕަރަށް ބޯޅަ ލިބުމުގެ ކުރިން ހޯދުމަށް ފަހު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އެ ގޯލާ އެކު ދާދު ވަނީ އެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކަށް ވެގެން ގޮސްފައެވެ.

ދާދުގެ އިތުރުން ބަންގްލަދޭޝް ސީނިއާ ޓީމުގެ ފޯވާޑް ރޮނީ ޝަހާވަތު ވެސް ވަނީ ދެ ގޯލް ކާމިޔާބް ކޮށްފައެވެ.

އެ މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ނޭޕާލާއި ސްރީލަންކާ ނިކުންނައިރު ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ މެލޭޝިއާއެވެ.

ރާއްޖެ ކުޅެންޖެހޭ ދެވަނަ މެޗުގައި 14 ވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝްގެ ޒުވާން ޓީމާ ދެކޮޅަށެވެ.

ރާއްޖެ ކެމްބޯޑިއާ މެޗުގެ ލައިވް ބްލޮގް

comment ކޮމެންޓް