އުންމީދީ ފޯވާޑް ނާއިޒް ހަސަން (ދާދު) ކުޅުނެ ނިކުތުމާ އެކު ޓީމްގެ ކުޅުންތެރީންގެ ކޮންފިޑެންސް އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމަށް ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހު ސެމީ ފައިނަލްގައި މާޒިޔާގެ މައްޗަށް ކުރި ހޯދި ޓީސީ ސްޕޯޓްސްގެ ކޯޗު އަހްމަދު އަހްސަން (ބަރޯ) ބުނެފިއެވެ.
މިއަދު ހަވީރު ގައުމީ، ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ޓީސީން ކާމިޔާބުކުރީ މާޒިޔާއިން ލަނޑެއް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް 3-1ގެ ނަތީޖާ އަކުންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި މާޒިޔާއިން ލީޑް ނަގާފައި ވަނިކޮށް ޓީސީގެ ތިން ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނެޓްގައި ދާދު ކުޅެން އެރިފަހުންނެވެ.
"ދާދު ދަނޑުމައްޗަށް އެރުމާ އެކު ފެނިގެން ހިގައްޖެ ބަދަލުތަކެއް. ކުޅުންތެރިން ބޯޅަ ޕާސް ދޭއިރު ވެސް ވަރަށް ކޮންފިޑެންސްއާ އެކު ދެނީ. ވަރަށް ރީތި ކުޅުމެއް ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ބަރޯ ބުންޏެވެ.
ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ ދާދުއަށް ކުރިއަށް އޮތީ ވެސް ވަރަށް މުހިންމު މެޗެކެވެ. އާދިއްތަ ދުވަހު އޮންނަ ޔޫތު ޗެމްޕިއަންޝިޕް ފައިނަލްގެ ކުރިން ހޮނިހިރު ދުވަހު ދިވެހި ޕްރިމިއަ ލީގުގައި ޓީސީގެ ސީނިއާ ޓީމް ކުޅޭ ފަހު މެޗުގައި ނިކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. ޓީސީއިން އެމެޗު ކާމިޔާބުކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ލީގުގެ ދެވަނަ މަގާމު ކަށަވަރު ކުރުމަށެވެ.
"ކުރިއަށް އޮތީ ޓީސީއަށް ވަރަށް މުހިންމު ދެ މެޗު. ކޮންމެހެންވެސް ކާމިޔާބުކުރުމަށް މަޖޫބުރު ދެމެޗު. ފައިނަލްމެޗަށް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދޭނަށް،" ބަރޯ ބުންޏެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 15:50 ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.