ފީފާގެ ރައީސްކަމަށް ވާދަނުކުރައްވަން ޕްލެޓިނީ ނިންމަވައިފި

މިޝޭލް ޕްލެޓިނީ: އޭނާ ވަނީ ފީފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައިވެރި ނުވުމަށް ނިންމަވާފައި -- ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، (ފީފާ)ގެ ރައީސަކު ހޮވުމަށް އަންނަމަހު ބޭއްވުއްމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށް، ފުޓްބޯޅައިގެ ހަރަކާތްތަކުން 8 އަހަރަށް ސަސްޕެންޑްކޮށްފައިވާ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެއެވެ.

ފީފާއަށް މިހާތަނަށް ކުރިމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަތަކާ ގުޅިގެން، ފީފާގެ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީން ވަނީ، އެ ޖަމިއްޔާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާއާއި ޕްލެޓީނީއަށް މިދިޔަ އަހަރުގެ ޑިސެމްބަރު 21 އިން ފެށިގެން އަށް އަހަރުދުވަހުގެ މުއްދަތަށް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްކުން ސަސްޕެންޝަނެއް ދީފައެވެ.

ފްރާންސްގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްލެޓީނީ ވިދާޅުވީ، އޭނާ ކޮރަޕްޝަން ފަދަ އެއްވެސް ގޯސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، ފެބްރުއަރީ 26 ގައި އޮން އިންތިޚާބުގެ ކުރީން، އިސްތިއުނާފް ކާމިޔާބުކޮށް އަލުން އިންތިޚާބާއިގެން ކުރިއަށް ވަޑައިގަތުމަށް އުންމީދުކުރެއްވި ކަމަށެވެ. އެހެންނަމަވެސް، މިހާރު އެވިސްނުންފުޅު ބަދަލުކުރެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެން ކެންޑިޑަސީ އަނބުރާ ގެނެސްފިން. އަހަންނަށް އެކަމުގައި އިތުރަށް ކުރިއަށް ދެވޭކަށް ނެތް. ވޯޓްދޭ މީހުންނަށް ބައްދަލުކޮށް އެހެންމީހުންނާ ވާދަކުރާނޭ ވަގުތެއްވެސް އަހަންނަކަށް ނެތް،" ފްރާންސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ވިދާޅުވިއެވެ.

ޕްލެޓިނީ ވިދާޅުވީ، ކެންޑިޑަސީ އަނބުރާ ގެނައީ، އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާގެ ދިފާއުގައި މަސައްކަތްކުރުމަށް ވަގުތު ހޯދަން ކަމަށާއި، އަދި އެސްވެސް ކެމްޕޭނެއް ކުރެވޭނެފަދަ މާހައުލެއް ނެތި އިންތިޚާބެއްގައި ވާދަކުރުމުގެ ބޭނުމެއް ނެތުމުން ކަމަށެވެ.

ބްލެޓާއާއި ޕްލެޓީނީ ސަސްޕެންޑްކޮށްފައި ވަނީ، މީގެ 10 ވަރަކަށް އަހަރު ކުރިން، ކޮށްފައިވާ މަސައްކަތަކަށް ޕްލެޓިނީއަށް ލިބެންޖެހޭކަމަށް ބުނާ 2 މިލިއަން ޑޮލަރުގެ ފައިސާގެ މުއާމަލާތެއް، 2011 ވަނަ އަހަރު، ބްލެޓާ އެޕްރޫވްކޮށްގެން ނިންމާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގުކުރި ކޮމިޓީން ބުނެފައިވަނީ، އެ ފައިސާގެ މުއާމަލާތް ހިންގާފައި ވަނީ، ބްލެޓާ އިތުރު ދައުރަކަށް ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވި ދުވަސްވަރެއްގައި ކަމަށާއި އެކަމުގައި އެ ދެބޭފުޅުންގެ ވެސް އަމިއްލަ މަސްލަހަތު ވާކަމަށެވެ.

އެހެން ނަމަވެސް، އެކަމުގައި އެއްވެސް ގޯސްކަމެއް ހިންގާފައި ނުވާނޭ ކަމަށް އެ ދެބޭފުޅުންވެސް ވިދާޅުވެއެވެ.

ފީފާގެ އިންތިހާބުގައި 209 މެންބަރު އެސޯސިއޭޝަނުން ވޯޓުދޭއިރު، އެ ޖަމިއްޔާގެ ރައީސްކަމުން ބްލެޓާ ދުރުކޮށް އެމަގާމަށް އައުމަށް އެންމެ ގާތް ފަރާތަކީ ޕްލެޓިނީކަމަށް ކުރިން ވަނީ ބެލެވިފައެވެ.

ޕްލެޓިނީ ވިދާޅުވީ، އޭނާ ފީފާގެ ރައީސްކަމަށް ވާދަކުރައްވަން ނިންމެވީ، އެ އިންތިޚާބުގައި ވޯޓުދޭ ފަރާތްތަކުގެ ތެރޭން 150 ފަރާތަކުން އޭނާއަށް ތާއީދުކޮށް އެކަމަށް އެދުމުން ކަމަށެވެ.

ޕްލެޓިނީގެ މި ނިންމެވުމާ ގުޅިގެން ފެބްރުއަރީ 26ގައި ބާއްވާ ފީފާގެ އިންތިޚާބުގައި ވާއްދަކުރައްވާނީ ފަސް ކެންޑިޑޭޓެކެވެ. އެ ބޭފުޅުންނަކީ އުރުދުންގެ އަމީރު، އަލީ ބިން އަލް ހުސައިން އާއި، އޭއެފްސީގެ ރައީސް ބަހްރެއިންގެ ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާއާއި ފީފާގެ ކުރީގެ އޮފިޝަލް ފްރާންސްގެ ޖެރޯމް ޝެމްޕޭންއާއި ސައުތު އެފްރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޓޯކިޔޯ ސެކްވޭލް އާއި ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ޖިއަނީ އިންފަންޓީނޯއެވެ.-- މައުމޫމާތު: ރޮއިޓާސް

comment ކޮމެންޓް