ފީފާއިން ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑުކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް

ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަ މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ބައްސާމް ސަސްޕެންޑުކުރަން ނިންމާފައިވަނީ އިންވެސްޓިގޭޓަރީ ޗެމްބާ އިން އެންގި އެންގުމަކާ ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީންނެވެ.

ފީފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައްސާމް ސަސްޕެންޑުކުރަން އިންވެސްޓިގޭޓަރީ ޗެމްބާ އިން އެންގީ ރާއްޖޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބައްސާމްގެ މައްޗަށް ހިންގާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ކަމަށާއި އޭގެ އިތުރުން ފީފާ އިން އެހީގެ ގޮތުގައި ފޯރުކޮށްދޭ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ފީފާ އިން ވަނީ އޭއެފްސީއާ ގުޅިގެން އެފްއޭއެމްގެ މައްސަލައިގެ ތަހުގީގެއް ހިންގާފައިވާކަން ވެސް ފާހަގަކޮށްފައެވެ. އަދި އެ ތަހުގީގުން ގޯސްތަކެއް ފާހަގަވެފައިވާ ކަމަށް ފީފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފީފާ އިން ބުނީ އެ އިދާރާގެ ތަހުގީގުގެ ތެރެއިން ބައްސާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފުޓުބޯޅައިގެ ހަރަކާތްތަކުން ބައްސާމް ސަސްޕެންޑުކުރިކަން މިހާރު އޭނާއަށް އަންގާފައިވާ ކަމަށް ފީފާ އިން ބުންޏެވެ.

comment ކޮމެންޓް