އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމައިފި

އެފްއޭއެމް އިމާރާތް: އެފްއޭއެމްގެ ހިންގުން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ވަނީ ނިންމާފައި -- ފޮޓޯ/ ހަސަން މާނިއު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.

ފީފާއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެފްއޭއެމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރަން އެ ފެޑެރޭޝަންގެ ކައުންސިލުން ނިންމައިފައި ވަނީ ފީފާގެ އަށް ވަނަ ގަވައިދުގެ ދަށުން ކަމަށެވެ.

އެ ގަވައިދުގައި ވަނީ ޚާއްސަ ހާލަތްތަކުގައި، އެސޯސިއޭޝަންތައް ހިންގާ ފަރާތްތައް މަގާމުން ދުރުކޮށް، އެ އެސޯސިއޭޝަނެއް ހިންގަން 'ނޯމަލައިޒޭޝަން ކޮމިޓީ'އެއް ވަކި މުއްދަތަކަށް އައްޔަން ކުރެވޭނެ ކަމަށެވެ.

ފީފާއިން ބުނީ، އެފްއޭމްގެ ހިންގުން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އެ އެސޯސިއޭޝަންގައި ހުރި މާލީ އަދި ހިންގުމުގެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

އެ ކޮމިޓީގައި ތިބޭނީ ފީފާއާއި އޭއެފްސީއާ ގުޅިގެން އައްޔަންކުރާ، މަސައްކަތަށް އެކަށީގެންވާ އަދަދެއްގެ މެންބަރުން ކަމަށް ފީފާއިން ބުނެފައިވެއެވެ. އަދި ފީފާ ގަވަނެންސް ރެގިއުލޭޝަންގެ ދަށުން އެ ހުރިހާ މެންބަރުންގެ ގާބިލުކަން، ފީފާ ރިވިއު ކޮމިޓީން ބަލާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ފީފާ ކައުންސިލުން ނިންމައިފައިވަނީ އެ ކޮމިޓީ ދެމިއޮންނަނީ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިމެންދެން ކަމަށެވެ. ނަމަވެސް، އެ މުއްދަތު އަންނަ އަހަރުގެ ޖުލައި 31އަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ފީފާއިން ބުނެފައިވެއެވެ.

މިދިޔަ މަހު ފީފާއިން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަ މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

https://sun.mv/193418

އޭރު ފީފާއިން ބުނެފައިވަނީ، ބައްސާމް ސަސްޕެންޑުކުރަން އިންވެސްޓިގޭޓަރީ ޗެމްބާ އިން އެންގީ ރާއްޖޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބައްސާމްގެ މައްޗަށް ހިންގާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގައި ފީފާއިން ހިންގި ތަހުގީގުގެ ތެރެއިން ބައްސާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް