ވަކީލުން މެދުވެރިކޮށް ނަޝީދުގެ އިނގިލީގެ ނިޝާން ހޯދޭނެ: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ލޯންޗަށް އަރާވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ

ޓެރިރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިނގިލީގެ ނިޝާން، އެމަނިކުފާނުގެ ވަކީލުން މެދުވެރިކޮށް ހޯދޭނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވަކީލުން މެދުވެރިކޮށް އެކަން ކުރަން އެމްޑީޕީ އަށް އަންގާފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ނަޝީދުގެ ވަކީލުން ތިން ގަޑިއިރަށް އެމަނިކުފާނާ ބައްދަލުކުރައްވައި އެކި ލިއުންތަކުގައި ސޮއިކުރައްވައި ފިންގާ ޕްރިންޓް ހޯއްދަވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ކުރެއްވި ޓުވީޓް

ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އެ ކޮމިޝަނުން ދިން މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

ނަޝީދުގެ އިނގިލީގެ ނިޝާން ހޯދޭނެގޮތް މިނިސްޓަރު އުމަރު ވިދާޅުވެފައިވާ އިރު، އެމްޑީޕީން ބުނީ ނަޝީދުގެ އިނގިލީގެ ނިޝާން ހޯދަން އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދުމުން ކަރެކްޝަނަލް ސާވިސް އިން އެކަން ކޮށްދީފައި ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެކަމަށް ހަ މަސް ދުވަހުގެ މުއްދަތެއްދީފައިވާއިރު، ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް އެމަނިކުފާނުގެ އިނގިލީގެ ނިޝާން ހޯދަން އުޅުމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް