ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގު ނިންމައި މިމަސް ނިމުމުގެ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގެ ތަހުގީގުގެ ގާތްގަނޑަކަށް 70 ޕަސެންޓު މިހާރު ވަނީ ނިމިފައި ކަމަށެވެ.
"އަޅުގަނޑު މި އުންމީދު ކުރަނީ ޖެނުއަރީ ނިމެންވާއިރުގައި ޝަރީއަތާ ހަމައަށް ދިޔުމަށްޓަކައި އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްއާ ހަމައަށް ފޮނުވޭނެ. ހަގީގަތުގައި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ އަތުގައި އެކަށީގެންވާ ވަރަށް ހެއްކެއް ނެތޭ އިނގޭތޯ. އެއްގޮތަކަށް ވެސް ތެދު ވާހަކައެއް ނޫން އެއީކީ،"
އުމަރު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއްދީގެން މިހާރު ތަހުގީގު ކުރަނީ ފިނިފެންމާ ލޯންޗުޅޮޅުގެ މައްސަލަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަނީ ތަހުގީގު ކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ދަންނަ މީހުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ހަމަލާދިނުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެމަނިކުފާނުގެ "ނައިބު އެކަން ރާވައި ހިންގުމަކީ" އެއަށް ވުރެ ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ޕީޖީ އޮފީހަށް ފުރަތަމަ ފޮނުވަނީ ފަސޭހައިން ދައުވާކުރެވެން ހުރި މައްސަލަތައް ކަމަށް އުމަރު ވިދާޅުވި އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދައުލަތުގެ އިސްވެރިން މާލެ ވަޑައިގަންނަވަނިކޮށް އެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.