އަގުހުރި ހިދުމަތްތެރިން ވަކިވެގެން ދިޔަ އަހަރެއް!

މިއަހަރު ނިޔާވި ކޮލި އުމަރު މަނިކާއި އަބްދުﷲ ހަމީދު އާއި އަބްދުއްސައްތާރު މޫސާ ދީދީ--

ދެހާސް ފަނަރަ ވަނަ އަހަރަށް އަޅުގަނޑުމެން އަލްވަދާއު ކިޔަމުން ދާއިރު މިއަހަރަކީ ދިވެހި ދައުލަތަށާއި ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާފައިވާ ތިން ބޭފުޅަކު އަވަހާރަވި އަހަރެވެ. އެބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތަށް އެތައް ހިދުމަތެއް ކުރައްވާފައިވާ އަބްދުﷲ ހަމީދު އާއި ދިވެހި ރާއްޖެ މިނިވަން ކުރުމަށް އެންމެ އިސްސަފުގައި މަސައްކަތް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ކޮލި އަލީ އުމަރު މަނިކު ހިމެނެއެވެ.

އަބްދުﷲ ހަމީދު

އަބްދުﷲ ހަމީދު ހަފްލާއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހަވީރު

ވޭތުވެދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އަބްދުﷲ ހަމީދު އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.

އަބްދުﷲ ހަމީދަކީ ސަރުކާރުގައި ގައުމީ ހިދުމަތުގައި 52 އަހަރުގެ ހޭދަކުރެއްވި އިރު އެއް ފަހަރާ ގިނަ އިދާރާތަކެއް ހިންގެވި ގާބިލް ބޭފުޅެކެވެ. އެޓޮލްސް މިނިސްޓަރު ކަމުގެ އިތުރުން އެ މަނިކުފާނު ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ކަމާއި އެ ނޫނަސް ދައުލަތުގެ ވަރަށް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވެ އެވެ. އަބަދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އަތޮޅުތައް ބެލެހެއްޓެވި އެންމެ އިސް މޭސްތިރި އެވެ.

އަބްދުﷲ ހަމީދުގެ ހިދުމަތް ފާހަގަ ކުރެއްވެނީ ހަމައެކަނި ވަޒީރު ކަމުގައެއް ނޫނެވެ. އެމަނިކުފާނަކީ ރައްޔިތުން މަޖިލީހުގައި ވެސް އާދަޔާއި ހިލާފު ހިދުމަތްތެރިއެކެވެ. އެމަނިކުފާނު 1961 ވަނަ އަހަރުން ފެށިގެން 43 އަހަރު ވަންދެން މަޖިލީހުގައި ހިދުމަތުގެ ތެރެއިން މަޖިލީހުގެ ރައީސް ކަމާއި ނައިބުކަން ދެ ފަހަރެއްގެ މަތިން ކުރެއްވި އެވެ. އަދި ހާއްސަ މަޖިލީހުގެ މެމްބަރު ކަމާއި ރައީސްކަން ވެސް ކުރެއްވި އެވެ.

އަބްދުއް ސައްތާރު މޫސާ ދީދީ

އަބްދުއްސައްތާރު މޫސާ ދީދީ --

އަބްދުއް ސައްތާރު މޫސާ ދީދީ އަވަހާރަވީ އުމުރުން 79 އަހަރުގައި މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ މަނިކުފާނު އަވަހާރަވީ ބޭންކޮކްގެ ބުމްރުންގްރަޑް ހޮސްޕިޓަލުގަ އެވެ.

އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.

ރާއްޖެ އަށް މިނިވަންކަން ހޯދައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން ވެސް އެމަނިކުފާނަކީ ދިވެހި ދައުލަތަށް އެކި މަގާމުތަކުގައި އެތައް ހިދުމަތެއް ކުރައްވާފައިވާ ހިދުމަތްތެރި ބޭފުޅެކެވެ. އެގޮތުން 1970 ވަނަ އަހަރުން ފެށިގެން 1975 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އިރު 1975 އިން 1977 ވަނަ އަހަރަށް ވަނީ ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވެ އެވެ. އަދި 1977 އިން 1978 ވަނަ އަހަރާއި ހަމައަށް އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ އިރު 1978 އިން 1989 ވަނަ އަހަރާ ހަމައަށް ފިޝަރީޒު މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. އަދި 1989 އިން 1992 ވަނަ އަހަރާ ހަމައަށް ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ. އޭގެ އިތުރުން ވެސް އެމަނިކުފާން ވަނީ އދ.ގައި ހުންނެވި ރާއްޖޭގެ ދާއިމީ ވަކީލްކަން ވެސް ކުރައްވައިފަ އެވެ.

ކޮލި އަލީ އުމަރު މަނިކު

ރައީސް މައުމޫންގެ އަރިހުގައި ކޮލި އަލީ އުމަރު މަނިކު (ކ)

މަޝްހޫރު ވިޔަފާރި އާއިލާގެ އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކޮލި އަލީ އުމަރު މަނިކު އަވަހާރަވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަން ކުރެއްވި އަލި މަނިކު ވަނީ ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އޭނާއަކީ ރާއްޖޭގެ އިގްތިސާދުގައި ބޮޑު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

comment ކޮމެންޓް