އަމާންކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި މިއަދު ފެނިއްޖެކަމަށް ވާދަވެރިން ބުނަންޖެހޭ: އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރު

ރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި މިއަދު ފެނިއްޖެކަމަށް ވާދަވެރި ފަރާތްތަކުން ބުނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޓްޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް މިރޭ މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްވުރެ، މިއަދު ރާއްޖޭގެ މަގުތައް އަމާންވާނެ ކަމަށާއި އެކަމާ ދެބަސްވާނެ މީހަކު މިއަދު ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުން ވެސް ވިދާޅުވާންޖެހޭނީ މިއަދު މަގުތަކުގައި ވަޅިހަރާ އަދަދު މަދޭ. މިއަދު މީހުން މަރާ އަދަދު މަދޭ. މިއަދު ކުށްކުރާ އަދަދު މަދޭ. ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުން އައުމުގެ ކޮޅުމަތި ފެނިއްޖެއޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުށުގެ ވެށީގެ މިއަހަރުގެ ތަފާސް ހިސާބުތައް އަހަރު ނިމުމުން އާންމުކުރާނެ ކަމަށާއި ބޮޑެތި ކުށްކުރުމުން މީހުން ދުރުކުރެވިއްޖެކަން އެއިން އެނގިގެންދާނެ ކަމަށެވެ.

"އެކަން އެކުރެވުނީ މޯލްޑިވްސް ޕޮލިސް ސާވިސް އަދި އޭގެފަހަތު ސަފުތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ނޭޝަނަލް ޑްރަގް އެޖެންސީ މި ހުރިހާ ލޯއެންފޯސްމަންޓު އެޖެންސީތައް ގުޅިގެން ކުރި މަސައްކަތްތަކުން،" އުމަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އަމަންއަމާންކަން ގާއިމް ކުރުމަށްޓަކައި ހޯމް މިނިސްޓްރީން ކުރާ ޚާއްސަ އަނެއް މަސައްކަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ހަމައަށް ރިހެބިލިޓޭޝަން ފަރުވާ އަންނަންދެން އެމީހުން ބޭތިއްބޭނެ ނިޒާމެއް ހަމަޖެއްސުންކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރެއް ގާއިމްކުރަން ޖެހޭއިރު އަދިވެސް އެފަދަ ރިމާންޑު ސެންޓަރެއް ގާއިމްކުރެވިފައިނުވާތީ އެ ރިމާންޑު ސެންޓަރު ހިންގާނީ ކަރެކްޝަނަލް ސާވިސް އިން ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މިހާރު ވަނީ ނިންމާފައި ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން އެ ރިމާންޑު ސެންޓުތައް ހިންގާނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުން ކަމަށާއި މި ހަފްތާގެ ތެރޭގައި އެ މަސައްކަތް ކަރެކްޝަނަނަލް ސާވިސްއާ ހަވާލުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް