ޓްރިވެންޑްރަމް، އިންޑިއާ (26 ޑިސެމްބަރު) - ގައުމީ ފުޓްބޯޅަ ޓީމު މިއަދު ބަނގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު ބެލުމަށް ދިވެހީންނަށް ހިލޭ ދަނޑަށް ވަނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިހާތަނަށް 2000 އަށްވުރެ ގިނަ ޓިކެޓް ބަހާފައިވާ ކަމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ބުނެފިއެވެ.
ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް ބެހުމަށް ކޮންސިއުލޭޓްގައި ގާއިމުކޮށްފައިވާ "ވޮލަންޓިއާސް އޮފީސް" އިން ވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން ޓިކެޓް ބަހަން ފަށައިފައެވެ.

ޑިސެމްބަރު، 24، 2015: ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ތަރުހީބު ދެނީ. މިއަދުވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނޭ ކަމަށް ބެލެވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮންސުލް އަލީ އާދަމް (އަލިބެ) ވިދާޅުވީ، އެ އޮފީހުން މިހާތަނަށް 2000 އަށްވުރެ ގިނަ ޓިކެޓް ދޫކުރެވިފައިވާ އިރު، މިހާރު އެނޫން އެހެން ސަރަހައްދުތަކުގައި ވެސް ދިވެހީންނަށް ޓިކެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިދަނީ ކޮންސިއުލޭޓްގެ އިތުރުން ޓްރިވެންޑްރަމް ނޭޝަނަލް ސްޓޭޑިއަމްގެ ހުޅަނގު ދެކުނު އަދި އިރުމަތި ފަރާތުން މަގުމަތީގައި ޓިކެޓް ބަހަމުން،" އަލިބެ ވިދާޅުވިއެވެ.
މިއަދުގެ މެޗު ބަލައިލުމަށް ވީހާވެސް ގިނަ ދިވެހީން، ގައުމީ ރޫހުގައި ދަނޑަށް އައުމަކީ ކޮންސިއުލޭޓްގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އަލިބެ ވިދާޅުވިއެވެ.