އާ އަހަރުގެ ޝޯއަށް އާތިފް އަސްލަމް ރާއްޖެއަށް!

ފޮޓޯ/ އާތިފް އަސްލަމްގެ ފޭސްބުކް ޕޭޖް

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ރާއްޖޭގައި ޝޯއެއް ދިނުމަށް ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ހިންގާ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ދަށުން އާތިފް އަސްލަމް ރާއްޖެ ގެނެސް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު، އަލިމަސް ކާނިވަލުގައެވެ.

އާތިފް އަސްލަމްގެ ފޭސްބުކް ޕޭޖުގައި ވެސް ވަނީ އެކަން އޭނާ އިއުލާންކޮށްފައެވެ.

ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް ފެށުމަށް ބާއްވާ ޝޯގެ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ޕީއެސްއެމްގެ ޑިރެކްޓަރެއް ކަމަށްވާ އަބްދުﷲ ރަމީޒު ވެސް ވަނީ އާ އަހަރުގެ ޝޯ އަށް އާތިފް އަސްލަމް ރާއްޖެ އަންނާނެކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ، އާތިފް އަސްލަމްގެ އިތުރުން ސްޓާ ޕްލަސް އިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "ޑާންސް ޕްލަސް" އަދި "އިންޑިޔާ ގޮޓް ޓެލެންޓް" ގެ ތިން ވަނަ ސީޒަންގެ އެއްވަނަ ހޯދި ނަށާ ގްރޫޕް، "ވީ ކޮމްޕެނީ" ވެސް އާ އަހަރުގެ ޝޯގައި ފެނިގެންދާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިޔާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭރުދުނިޔޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ކެމްޕޭނެކެވެ.

އެ ކެމްޕޭނުގެ ދަށުން އަންނަ އަހަރު ރާއްޖެއަށް 1.5 މިލިއަންގެ ރެކޯޑް އަދަދަކަށް ފަތުރުވެރިިން ގެންނަށް ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.

"ތޫ ޖާނެ ނާ" އަދި "ޖީނެ ލަގާ ހޫން" ފަދަ އަސަރުގަދަ ލަވަތަކުން އެތައް ބައެއްގެ ހިތްތައް އަތުލާފައިވާ އާތިފް އަސްލަމް، 32 އަކީ އިންޑިއާގެ މިއުޒިކް ސްޓްރީމިން ސާރވިސްއެއް ކަމަށްވާ "ސަވަން" އިން 2013 ވަނަ އަހަރު ހޮވި އެންމެ މަގްބޫލު ލަވަކިޔުންތެރިޔާގެ މަގާމު ހޯދާފައިވާ ތަރިއެކެވެ.

މީގެ އިތުރުން، ޕާކިސްތާނުގައި 2002 ވަނަ އަހަރުން ފަށައިގެން ދެމުން އަންނަ ލަކްސް ސްޓައިލް އެވޯޑްސް ފަސް އަހަރު އޭނާ ހޯދާފައިވާއިރު، ބިގް އެޕަލް މިއުޒިކް އެވޯޑްސް ފައުންޑޭޝަނުން ހޮވާ ޕާކިސްތާނުގެ އެންމެ މަގްބޫލް ލަވަކިޔުންތެރިޔާގެ އެވޯޑް ވޭތުވެދިޔަ ދެ އަހަރު އޭނާ ހޯދާފައިވެ އެވެ.

އެ އެވޯޑުން ހޮވާ ދުނިޔޭގެ އެންމެ މަގްބޫލް ލަވަކިޔުންތެރިޔާގެ މަގާމަށް ވެސް އޭނާ ވަނީ މިދިޔަ އަހަރު ނޮމިނޭޓްވެފަ އެވެ.

comment ކޮމެންޓް