ކެޓްރީނާ ހޮލީވުޑްގެ ފިލްމުތަކަށް އަދި ތައްޔާރެއް ނޫން

ބަތަލާ ކެޓްރީނާ ކައިފް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކާމިޔާބު ފިލްމީ ތަރި ކެޓްރީނާ ކައިފްއަށް ދާދިފަހުން ހޮލީވުޑްއިން ފުރުސަތު ލިބުނުކަމަށާއި ނަމަވެސް އެ ފުރުސަތު ދޫކޮށްލީ ކަމަށް ބަތަލާ ބުނެފިއެވެ.

ފިލްމީ ޚަބަރު ގެނެސްދޭ ނޫސް މަޖައްލާ ވެރައިޓީއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ ހޮލީވުޑްއިން ލިބުނު ފުރުސަތު ދޫކޮށްލީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން މި ވަގުތު އެފަދަ ފުރުސަތަކަށް ހުސްވެ ހުރުމަށް އުޒުރުވެރިވާތީ ކަމަށެވެ. އެހެންނަމަވެސް ކުރިމަގުގައި ލިބޭ އެފަދަ ފުރުސަތުތަކަށް ނޫނެކޭ ބުނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ވަގުތު ޖެހުމުން ބައިނަލްއަޤްވާމީ އިންޑަސްޓްރީތަކުން ލިބޭ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރާނެކަމަށް 40 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ހޮލީވުޑްއިން ލިބޭ ފުރުސަތަކީ ވަރަށް ގިނަ ފިލްމީ ތަރިންގެ ކެރިއަރު ބަދަލުކޮށްލާ ފުރުސަތުތައް ކަމަށާއި އެފަދަ ތަޖުރިބާއެއް ކުރަން ކެޓްރީނާ ވެސް ބޭނުންވާކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ކެޓްރީނާ ކައިފް ފިރިމީހާ އަދި އެކްޓަރު ވިކީ ކޯޝަލްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ


ދެކުނު އިންޑިއާގެ ފިލްމުތަކުން ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ އަކީ މިވަގުތު ބޮލީވުޑްގައި ހިމެނޭ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު ޑިމާންޑެއް އޮތް އެއް ބަތަލާއެވެ. ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ކެޓްރީނާ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭ އާއްމުންގެ މަގުބޫލުކަން ހޯދުމަށްފަހު ތަޖުރިބާހުރި ޕްރޮޑިއުސަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ބަތަލާއެކެވެ.

އަބަދުވެސް ބެލުންތެރިން ބަލަން ބޭނުންވާ ފިލްމުތައް ހޮވަން އިސްކަންދޭ ބަތަލާ ބުނީ މިހާރު ބޮޑަށް ބޭނުންވަނީ އުފެއްދުންތެރި ކެޓްރީނާގެ ކެރިއަރަށް ކުރިއެރުން ލިބޭނެކަހަލަ ފިލްމުތަކަށް ފުރުސަތު ދިނުމަށް ކަމަށެވެ. މިދިޔަ އަހަރު ރިލީޒްވީ ޔަޝް ރާޖް ކުންފުނީގެ ފިލްމު "ޓައިގާ3"އަށް ފަހު ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރު ކުރީކޮޅު ރިލީޒްވި ފިލްމު "މެރީ ކްރިސްމަސް"އިންނެވެ.

comment ކޮމެންޓް