ފުޓުބޯޅައިގެ ހުރުހާ ހަރަކާތަކުން އަށް އަހަރަށް ސަސްޕެންޑް ކޮށްފައިވާ ޔުއެފާގެ ރައީސް މިޝައިލް ޕިލެޓްނީ އެއިދާރާގެ އެތިކްސް ކޮމެޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މީގެ ހަތަރު އަހަރުކުރިން ފީފާގެ ބަޖެޓުން 2011 ވަނަ އަހަރު ޕްލެޓިނީ އަށް ފީފާގެ ރައީސް ސެޕް ބްލެޓާ ދެ މިލިއަން ޑޮލަރު ދޫކޮށްފައި ވަނީ ފީފާ އަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް އެ ކޮމެޓީއިން ނިއްމާ އެ ދެ ބޭފުޅުން އަށް އަހަރަށް ސަސްޕެންޑް ކުރުމުން ޕުލެޓްނީ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު އެ ކޮމެޓީ އޮތީ ނިދައިފައި ކަމަށެވެ.
"އެތިކްސް ކޮމެޓީން 2011 އިން 2015 ކީއްކުރީ؟ އަހަރެންނަށް އެ ބުނާ ފައިސާއެއް ދިން ކަން އެނގުނީ މިއަހަރު. ކުއްލިއަކަށް މިއަދު އެމީހުންނަށް އެ ހޭވެރިވީ އަހަރެން ފީފާގެ ރައީސްގެ މަގާމަށް ވާދަކުރާ ކަން އިއުލާން ކުރުމުން،" އޭއެފްޕީ އަށް ދިން އިންޓަވިއު އެއްގައި ޕްލެޓްނީ ވިދާޅުވިއެވެ.
އެތިކްސް ކޮމެޓީއިން ބުނި ގޮތުގައި ފީފާގެ ބަޖެޓުން ބްލެޓާ ދިން އެ ފައިސާއަކީ އޭގެ 11 އަހަރު ކުރިން ޕްލެޓިނީ ކޮށްފައިވާ މަސައްކަތަކަށް ދޭން ޖެހޭ ފައިސާއެކެވެ. ޕްލެޓިނީ އަކީ 1999-2002 އަށް ބްލެޓާގެ ޓެކްނިކަލް އެޑްވައިޒަރެވެ.
ފީފާގެ ކޮރަޕްޝަނުގެ މައްސަލަތަށް ބޮޑުވެ 1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރަމުން އަންނަ ބްލެޓާ އެ މަގާމު އަންނަ ފެބްރުއަރީ މަހު ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ އިރު ޕްލެޓިނީ ވަނީ އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާނު ކޮށްފަ އެވެ.
ނަމަވެސް މީގެ ކުރިން އޭނާ 90 ދުވަހަށް ފީފާގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާތީ އެ އިދާރާއިން ވަނީ ޕްލެޓްނީ ހުށަހެޅި ކެޑިޑެންސީ ބަލައި ނުގަނެފައެވެ. އެހެން ކަމުން ފީފާގެ ރައީސްގެ މަގަމަށް ވާދަކުރުމަށް މަސަތްކަތް ކުރަމުން އަންނަ ޕްލެޓްނީ އަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު އޭނާގެ ސަސްޕެންޝަން އެޕީލް ކުރުމަށް ކޯޓް އޮފް އާބެޓްރޭޝަން ފޯ ސްޕޯޓްސް އަށް ވަނީ މިހާރު ހުށަހަޅާފައެވެ.
"އަހަރެން މިކަމާ ކުރިމަތިލާނަށް އަދި ނަގަން ޖެހޭ ކޮންމެ ޒިންމާއެއް ވެސް ނަގަން ތައްޔާރަށް މި އޮތީ. ކޮންމެ ގޮތެއް ވީނަމަވެސް އަހަރެންގެ އަނބުރާއި އިތްޒަތް މިވަނީ ނަގާލާފައި. އަނގަމަތީ އެ ދަނީ ޓޭޕް ގަނޑެއް އެޅުމަށް މަސަތްކަތް ކުރަމުން. ބްލެޓާއަށް ހަދަމުންދާ ގޮތް އަހަރެންނާއި ދޭތެރޭގައި ވެސް އެ ހަދަނީ،" ޕްލެޓްނީ ވިދާޅުވިއެވެ.
ޔުއެފާގެ ރައީސް ކަން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ޕްލެޓްނީގެ ސަސްޕެންޝަނާއި ގުޅޭގޮތުން އެ އިދާރާއިން ބުނީ އެ ފިޔަވަޅާއި ގުޅިގެން ވަރަށް ބޮޑަށް މާޔޫސް ވެފައިވާ ކަމަށެވެ.