ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބްލެޓާއާއި ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑް ކޮށްފި

ޔުއެފާގެ ރައީސް(ކ) ޕްލެޓްނީ އަދި ފީފާގެ ރައީސް(ވ) ބްލެޓާ: އެ ދެ ބޭފުޅުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އަށް އަހަރަށް ސަސްޕެންޑް ކޮށްފަ --- ފޮޓޯ:ސްކައި ސްޕޯޓްސް

ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން އަށް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ފިފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފީފާގެ އެތިކްސް ކޮމެޓީން ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކޮށްފައި ވަނީ 2011 ވަނަ އަހަރު ފީފާގެ ބަޖެޓުން ބްލެޓާ ޕްލެޓިނީ އަށް 1.34 މިލިއަން ޕައުންޑު ދޫކޮށްފައި ވަނީ ފީފާ އަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް ކަމަށް ތަހްގީގުތަކުން ސާބިތުވާތީވެ ކޯޓުން ހުކުމް ކުރުމުން ކަމަށެވެ.

"ފީފާގެ ރައީސެއްގެ ގޮތުގައި ހުރެ ބްލެޓާ އެ ފައިސާ ދޫކޮށްފައި ވަނީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮވެގެންކަން، ބުލެޓާ އަށް ވެސް އަދި ޕުލެޓްނީ އަށް ވެސް ސާބިތު ކޮށްދެވިފައެއް ނުވޭ،" އެ ބަޔާނުގައިވެ އެވެ.

ކޮޕަރްޝަނުގެ ތުހުމަތުތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވޭތީ ފީފާ އިން ވަނީ އެ ދެ ބޭފުޅުން މީގެ ކުރިން 90 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ބަލަމުން އަންނަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި ސުވިޒަލޭންޑްގެ ތަހުގީގީ އިދާރާތަކުންނެވެ.

ނަވާރަސަތޭކަނުވަދިހަ އަށް ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރަމުން އަންނަ ބްލެޓާ އެ މަގާމު އަންނަ ފެބްރުއަރީ މަހު ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ އިރު ޔުއެފާގެ ރައީސްގެ މަގާމު އަދާކުރަމުން އަންނަ ޕްލެޓިނީ ވަނީ އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބުގައި ވާދަ ކުރާނެ ކަން އިއުލާނު ކޮށްފަ އެވެ.

އެހެން ނަމަވެސް އޭނާ ޝަރުތުހަމަނުވާ ކަމަށް ފީފާ އިން ކަނޑައަޅި މައްސަލަ އެޕީލު ކޮށްފައިވާ އިރު މިއަދު ކުރި ސަސްޕެންޝަންގެ ސަބަބުން ޕްލެޓްނީއަށް ފީފާގެ ރައީސްގެ މަގާމަށް ވާދަކުރަން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ.


comment ކޮމެންޓް