އާބާދީގައި 3،000 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުސިލަރުން އިންތިޚާބު ކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުކޮށް ތަސްދީގު ކުރުމުން، 424 ކައުންސިލަރުންގެ މަގާމު އުވި، ދައުލަތުގެ ބަޖެޓުން 187.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވާ ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދަކީ 659 ކައުންސިލަރުންނެވެ. މިހާރު ތިއްބެވި ކައުންސިލަރުންގެ އަދަދަކީ 1083 އެވެ.
- މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ އަަދަދު: 1083
- އިސްލާހުގެ ދަށުން އިންތިހާބު ކުރަންޖެހޭ އަދަދު: 659
- މަގާމު އުވިގެންދާ ކައުންސިލަރުންގެ އަދަދު: 424
މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރައިގެ ގޮތުގައި ތިން އަހަރުގެ ދައުރަށް 507.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ އެވެ. ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން ކައުންސިލަރުންގެ މުސާރައަށް ތިން އަހަރުގެ ދައުރަށް ހަރަދުވާނީ 322.6 މިލިއަން ރުފިޔާ ކަމަށް އިލެކްޝަން ކޮމިޝަނުން އަންދާޒާކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އަންދާޒާކޮށްފައިވާ އެ ހިސާބުތަކަށް ބަލާއިރު، އާ އިސްލާހުގެ ދަށުން ކައުންސިލަރުންގެ މުސާރައަށް ތިން އަހަރުގެ ދައުރަށް ހަރަދު ކުރަންޖެހޭ މުސާރައިގެ ތެރެއިން 187.7 މިލިއަން ރުފިޔާ ސަލާމަތްވާނެ އެވެ.
މަގާމު އުވޭ، ކައުންސިލަރުންގެ މުސާރައިން ސަލާމަތްވާ
- ތިން އަހަރުގެ ދައުރަށް މިހާރު ހަރަދުވާ މުސާރަ: 507.6 މިލިއަން ރުފިޔާ
- ތިން އަހަރުގެ ދައުރަށް އަލަށް ހޮވޭ ކައުންސިލަރުންނަށް: 322.9 މިލިއަން ރުފިޔާ މުސާރައަށް
- އިސްލާހުގެ ސަބަބުން ސަލާމަތް ކުރެވޭ ފައިސާގެ އަދަދު 187.7 މިލިއަން ރުފިޔާ
ގާނޫނުގައި ބުނެފައިވާ އަދަދަށް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވުމުންނެވެ. މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ ފެބްރުއަރީ 26، 2017 ގަ އެވެ.
އާ އިސްލާހުގައި ބުނެފައި ވަނީ އާބާދީގައި 3،000 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އެއަށް ވުރެ ބޮޑު އާބާދީގެ ރަށް ރަށަށް ފަސް ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ކުރިން ބުނެފައި ވަނީ 3،000 ހަމަނުވާ ރަށްތަކަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުން ކަމަށެވެ. އަދި 3،000 އާއި 10،000 ދެމެދުގެ އަދަދުގެ އާބާދީގެ ރަށްތަކަށް އިންތިހާބު ކުރަން ޖެހޭނީ ހަތް ކައުންސިލަރުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާގުޅިގެން ކައުންސިލަރުންގެ އަދަދު ކުރިއަށްވުރެ މަދުވެފައިވީ ނަމަވެސް އެ އަދަދު އަދިވެސް މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ރަށެއްގައި 10،000 މީހުން ހަމަވާ ކޮންމެ ރަށަކަށް ސިޓީގެ ދަރަޖަ ދޭގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ކުރައްވާފަ އެވެ.
އެ އިސްލާހާގުޅިގެން ސިޓީގެ ދަރަޖަ ލިބޭ ކޮންމެ ރަށެއްގައި ވެސް ކައުންސިލަރުން ކަނޑައަޅާނީ ދާއިރާ ބެހިފައި އިންނަ ގޮތަށް ބަލައި ކޮންމެ ދާއިރާއަކަށް ކައުންސިލަރެކެވެ.