ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލައި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މުސާރަ ނުހިނގާ ގޮތަށް ތިން މަސް ދުވަހަށް ވަހީދު ސަސްޕެންޑުކޮށް އިތުރު ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމަށެވެ.
ވަހީދަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުކުރުމަށް ނިންމާފައި ވަނީ، މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައިފައި ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. މިގޮތުން، އެ ގޮތަށް ނިންމާފައި ވަނީ، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، އަށް މައްސަލައެއްގެ އިންކުއަރީއަކަށް ފަހުގައި ކަމަށް އެ ބަޔާނުގައިވެއެވެ.

ހޯރަފުށީ ކައުންސިލްގެ ބައްދަލުވުމެއްގައި އެ ރަށު ކައުންސިލަރުން ---- ފޮޓޯ/ ހޯރަފުށީ ކައުންސިލް
އިންކުއަރީގައި އެލްޖީއޭއިން ބެލި މައްސަލަތަކަކީ:
- މި އަހަރު ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވައިދާ ޚިލާފަށް ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވުން
- މާލިއްޔަތު ގަވައިދާ ޚިލާފަށް 2023ގައި، ހޯރަފުށީ ކައުންސިލުން އެ ރަށު ބަނދަރު ސަރަހައްދުގައި އިންދަން ކަދުރު ރުށްތަކެއް ގަނެފައިވުން
- ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އެ ކައުންސިލުން ހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވުން
- 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާއި ސްޓޭޖުލައިޓާއި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކޮށްފައިވުން
- ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑު ކޮމިޓީގައި ތިބޭ ކަމަށް ބުނެ، އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަ
- މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައޫލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށްނުދޭ މައްސަލަ
- 1446 ވަނަ އަހަރު އަޟްހާ އީދަށް ރަށުތެރެ ދިއްލުމަށް ބޭނުންވާ ލައިޓު ގަތުމަށް ސްޕްލިޓުކޮށްގެން ނުވަތަ ބައިބަޔަށް ބަހައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާ ޚިލާފަށް ދޫކޮށް، އެތަކެތި ކައުންސިލަށް ލިބިފައިނުވުން
އޭގެއިތުރަށް، އިންކުއަރީއަށް ފަހު، ވަހީދު ސަސްޕެންޑުކުރީ، ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވަނީ އޭނާއަށް ކަމަށްވެފައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ޚިލާފުވެފައިވާކަން ފާހަގަކުރެވޭތީ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ދީފައިވާ ލަފައަށް ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާ ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.
މީގެކުރިން ވެސް އެލްޖީއޭއިން މައްސަލަތައް ބަލައި، ކައުންސިލަރުން ސަސްޕެންޑުކޮށްފައި އެބަހުއްޓެވެ.