ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކުރުމާ ގުޅިގެން، ކަޅު ހެދުމުގައި ނުކުމެ، އެ ރަށުގައި މިއަދު އިހުތިޖާޖެއް ކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހޯރަފުށީ ކައުންސިލްގެ މައްސަލަތަކެއް ބަލައި، ވަހީދު ސަސްޕެންޑުކުރި މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އެ އޮތޯރިޓީން ވަނީ އޭނާގެ އިތުރުން އެހެން ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ވެސް ނިންމައިފައެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކައުންސިލަރުންނާއި ރައްޔިތުން ހިމެނޭ ގޮތަށް މިއަދު އެ ރަށުގައި ވަނީ އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖުގައި ގިނަ މީހުން ލައިގެން ތިބީ ކަޅު ހެދުން ކަމަށްވާއިރު، ކައުންސިލް ރައީސްގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވަނީ ބޭނުންކޮށްފައެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން 'ސަން'އިން ހޯރަފުށީގެ އެކި ކައުންސިލަރުންނަށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ، ލިބިފައެއް ނުވެއެވެ.

ހޯރަފުށީ ކައުންސިލް ރައީސްގެ ސަސްޕެންޝަން އުވާލަން ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ/ ހޯރަފުށި ދާއިރާ
އެލްޖީއޭއިން އިއްޔެ ބުނީ، އެ ނިންމުން ނިންމީ، އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، އަށް މައްސަލައެއްގެ އިންކުއަރީއަކަށް ފަހުގައި ކަމަށެވެ. އެއީ،
- މި އަހަރު ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވައިދާ ޚިލާފަށް ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވުން
- މާލިއްޔަތު ގަވައިދާ ޚިލާފަށް 2023ގައި، ހޯރަފުށީ ކައުންސިލުން އެ ރަށު ބަނދަރު ސަރަހައްދުގައި އިންދަން ކަދުރު ރުށްތަކެއް ގަނެފައިވުން
- ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އެ ކައުންސިލުން ހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވުން
- 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާއި ސްޓޭޖުލައިޓާއި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކޮށްފައިވުން
- ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑު ކޮމިޓީގައި ތިބޭ ކަމަށް ބުނެ، އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަ
- މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައޫލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށްނުދޭ މައްސަލަ
- 1446 ވަނަ އަހަރު އަޟްހާ އީދަށް ރަށުތެރެ ދިއްލުމަށް ބޭނުންވާ ލައިޓު ގަތުމަށް ސްޕްލިޓުކޮށްގެން ނުވަތަ ބައިބަޔަށް ބަހައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާ ޚިލާފަށް ދޫކޮށް، އެތަކެތި ކައުންސިލަށް ލިބިފައިނުވުން