ޗެލްސީގެ އަށް ކުރިންވެސް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ އަދި މިހާރުގެ ވެސް ކޯޗް ހޯޒޭ މޮރީނިއޮއަށް އެ ޓީމާއި އެކީ ރަނގަޅު ކާމިޔާބީ ތަކެއް ހޯދޭނެ ކަމަށް މެންޗެސްޓަ ޔުނައިޓެޑްގެ ކުރީގެ ކޯޗު، ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
ޔުނައިޓެޑުގެ ކޯޗު ކަމުގައި 27 އަހަރު ހުރެ، އިނގިރޭސިވިލާތުގައި އެންމެ ކާމިޔާބު ކުލަބަށް ޔުނައިޓެޑް ހަދައި ދިނުމަށްފަހު 2013 ވަނަ އަހަރު މަގާމުން ވަކިވި ފާގަސަން ބުނީ ކޮންމެ ކުލަބެއްގައި ވެސް އެންމެ ކާމިޔާބު ކޯޗު މަގާމުން ދުރުކޮށްގެންނުވާނެ ކަމަށެވެ.
"މޮރީނިއޯއަކީ ޗެލްސީގެ ތާރީހުގައި އެ ޓީމަށް ކޯޗުކޮށްދިން މޮޅު ކޯޗެއް. ޗެލްސީ މިހާރު އޮތް ހާލަތު ބަދަލުކުރެވޭނީ މޮރީނިއޯ އަށް. އޭނާ ވަކިކުރުމަކީ އަބްރަމޮވިޗް ކުރާނެ މޮޔަކަމެއް،" ފާގަސަން ބުންޏެވެ.
ޗެލްސީން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، މޮރީނިއޯ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް އަނެއްކާވެސް ގަދަވެފައިވާއިރު، ލީގުގައި މިހާތަނަށް 15 މެޗު ކުޅެ ނިމުނުއިރު، 15 ޕޮއިންޓާއެކީ ޗެލްސީ އޮތީ ލީގުގެ 15 ވަނައިގަ އެވެ. މިއީ ޗެލްސީން މިފަހުގެ ތާރީހެއްގައި ލީގު މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރެވެ.
މޮރީނިއޯ އަކީ ފާގަސަން މެންޗެސްޓާއިން ވަކިވުމަށްފަހު އެކުލަބުގެ ކޯޗަކަށް ގެނައުމަށް މަސައްކަތްކުރި ކޯޗެވެ. އެކަމަކު މޮރީނިއޯ ދެ ވަނަ ފަހަރަށް ޗެލްސީއަށް އައީ ޔުނައިޓެޑަށް ނުދާން ނިންމުމަށްފަހު އެވެ.
ޗެލްސީގެ އޯނަރު ރޯމަން އަބްރަހަމޮވިޗް ފާއިތުވި 10 އަހަރު ތެރޭ ގިނަ އަދަދެއްގެ ކޯޗުން ވަކިކޮށްފައިވާ ކަމަށާއި، މިއީ އެކަންކަމުން އޭނާ ފިލާވަޅު ލިބިގަނެ ޗެލްސީގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް، މޮރީނިއޯއަށް އިތުބާރު ކުރަންވީ ވަގުތު ކަމަށް ވެސް ފާގަސަން ބުންޏެވެ.
"މޮރީނިއޯ ވަކިކުރުމަކީ މޮޔަކަމެއް، އެއީ އެއްވެސް ބޭނުން ހުރި ކަމެއް ނޫން. މޮރީނިއޯއަކީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް" ފާގަސަން ބުންޏެވެ.
މޮރީނިއޯ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތީން އޭނާ ވަނީ ޗެލްސީ އަށް ޕްރެމިއާ ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ. އަދި އަވަސް އަވަހަށް އަބްރޮމިވިޗް ކޯޗުން ބަދަލުކުރާތީވެ އެކުލަބަށް ކޯޗުކޮށްދިނުމަށް މަޝްހޫރު ކޯޗުންވަނީ ފަސްޖެހެން ފަށައިފަ އެވެ.
މޮރީނިއޯ ދާދިފަހުން އެ ކްލަބުގެ ކޮންޓްރެކްޓް ވެސް އާކޮށްފައިވާއިރު، އޭނާ އެ ކްލަބާއެކު ހެދި ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރުގައެވެ.