ދުނިޔޭގެ ބޮޑެތި ގިނަ ފުޓްބޯޅަ ކުލަބު ތަކަކަށް ކުޅެފައިވާ އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެންމެ ބަލާހިތްވަނީ ރަގްބީ ކަމަށް އެނޭ ބުނެފިއެވެ.
ރޭޑިއޯ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި މެންޗަސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ އިތުރުން އިންގްލެންޑްގެ ގައުމީ ޓީމާއެކު 100 އަށް ވުރެ ގިނަ މެޗް ކާމިޔާބު ކޮށްފައިވާ ބެކަމް ބުނީ ފުޓްބޯޅަ މެޗްތަކުން ފެނިގެންދާ ބައެއް އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތަކުގެ ސަބަބުން އޭނާ އަށް ބޮޑަށް ޝައުގުވެރިކަން ހުންނަނީ ރަގްބައީ މެޗްތައް ބެލުމަށް ކަމަށެވެ.
"އަހަރެން ވަރަށް ލޯބި ކުރާ ޝައުގުވެރި، ބަލާހިތްވާ ކުޅިވަރެއް ރަގްބައި އަކީ. އަހަރެން ކުޑަ އިރުގައި ވެސް އެހާ ބަލާހިތްވާ ކުޅިވަރެއް ނޫން އެއީ ފްޓްބޯޅައަކީ. އެހެންވެ ވަރަށް އުދަގުލުން ދަނޑަށް ވެސް ވަދެވެނީ ފުޓްބޯޅަ މެޗެއް ބަލާލަން،" ބެކަމް ބުންޏެވެ.
އިންގްލޭންޑްގައި އެއްނަމްބަރު ކުޅިވަރަކީ ފުޓްބޯޅަ ކަމުގައި ވީ ނަމަވެސް ރަގްބައީ އަކީ އެ ގައުމުގައި މަޝްހޫރު ކުޅި ވަރެކެވެ. އަދި އެ ގައުމުގެ އެންމެ ބޮޑް ސުޓޭޑިއަމް އަކީ ގައުމީ ސްޓޭޑިއަމް ވެމްބްލީ އަށް ވާ އިރު ދެވަނަ އަށް އެންމެ ބޮޑު ސުޓޭޑިއަމް ޓުވިކެންހަމްއަކީ ރަގްބައީ ކުޅުމަށް ޚާއްސަ ސްޓޭޑިއަމް އެކެވެ.
"އަހަރެންނަށް ވަރަށް ހިތްހަމަ ޖެހުން ލިބޭ ޓުވިކެންހަމްގައި މެޗެއް ބަލާލަން ދާން ފުޓްބޯޅަ މެޗެއް ބަލާލުމަށް ވުރެން،" ޔުނިސެފް ގެ އެމްބެސަޑަރެއްގެ ގޮތުގައި މަސަތްކަތް ކުރާ ބެކަމް ބުންޏެވެ.
އެ ޕްރޮގުރާމްގައި ބެކްމަ ވަނީ ގަތަރުގައި2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ބާއްވަން ޖެހޭނެ ގައުމަކީ ގަތަރު ކަމަށްވެސް ބުނެފައެވެ.
ބެކަމް ބުނެފައިވަނީ ކޮރަޕްޓް ވިޔަސް ނުވިޔަސް އެ ގައުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި، އެއާ އެއްގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި މިއީ ފުޓްބޯޅަ އާ ގައުމުތަކަށް ގެންދިިޔުމުގެ މަސައްކަތް ކަމަށާއި މިކަމުގައި ދެމިތިބެންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.