ނައިބު ރައީސްއަކަށް ވަޑައިގެންނެވީ ފުޓްބޯޅައިގެ މަގުން!

ނައިބު ރައީސް ފައިސަލް ޒުވާން އުމުރުގައި ބޭއްވެވި މުބާރާތެއްގެ އިނާމު ހަވާލު ކޮށްދެއްވަނީ-- ފޮޓޯ: ފައިސަލް ފައުންޑޭޝަން

ފުވައްމުލަކުގައި 1986 ވަނަ އަހަރު ބޭއްވި ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ އޭރު އުމުރުން އެންމެ 12 އަހަރުގެ ފައިސަލް ނަސީމެވެ. ބައްޕާފުޅު، އަޙްމަދު ނަސީމް އިބްރާހިމް ދީދީ ދެއްވި ފައިސާއިން ކާމިޔާބު މުބާރާތެއް ބޭއްވެވިއެވެ. އެއީ ފައިސަލްގެ އިޖުތިމާއީ ޚިދުމަތްތަކުގެ ފެށުމެވެ. އޭގެ ފަހުން އުފަން ރަށް ފުވައްމުލަކާއި ދިވެހި ރާއްޖެއަށް ހިލޭ ސާބަހަށް އެތައް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް ފަހު މިއަދު އެ ހުންނެވީ ރާއްޖޭގެ ނައިބު ރައީސްގެ މަގާމުގައެވެ.

"ފައިސަލް ކަޕް"އަކީ ފުވައްމުލަކު ޒުވާނުންނާއި ރައްޔިތުން ކޮންމެ އަހަރަކު ވެސް އެންމެ އިންތިޒާރު ކުރާ އެއް ހަރަކާތެވެ. މީގެ 36 އަހަރު ކުރިން ފައިސަލް ބާއްވަން ފެއްޓެވި އެ މުބާރާތް 2008 ވަނަ އަހަރާ ހަމައަށް ދިޔައީ ބާއްވަމުންނެވެ. ދެހާސް އަށްވަނަ އަހަރު ބޭއްވި މުބާރާތަށް އެކަނި ހަ ލައްކަ ރުފިޔާ ފައިސަލްގެ އަމިއްލަ ޖީބުން ޚަރަދު ކުރެއްވިއެވެ. ސްޕޮންސާއަކާ ނުލައި އަމިއްލަ ޚަރަދުގައި އެ މުބާރާތްތައް ބާއްވަމުން ދިޔައީ ވަރަށް ކުލަގަދަކޮށެވެ. އެގޮތުން މެޗްތައް ބަލާލުމަށާއި އިތުރު ހަރަކާތްތަކަށް ރާއްޖޭގެ ފުޓްބޯޅަ ތަރިން ފުވައްމުލަކަށް ގެންދަވައެވެ.

ފައިސަލް ފުވައްމުލަކުގައި ބޭއްވެވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން-- ފޮޓޯ: ފައިސަލް ފައުންޑޭޝަން

އެއީ ހަމައެކަނި މުބާރާތެއް ނޫނެވެ. އޭގެ ތެރެއިން އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެވިއެވެ. އެގޮތުން ދަނޑުގެ ވަށައިގެން ހުންނަ އިޝްތިހާރު ބޯޑުތަކުގައި ވެސް އިޖުތިމާއީ މެސެޖްތައް ލިޔެފައި ހުރެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއި ބާރު ސުޕީޑްގައި ދުއްވުމުގެ ނުރައްކާތެރި ކަމުގެ އިތުރުން ކުޑަކުދިންނަށް ކުރާ ގޯނާތަކަށް ހޭލުންތެރި ކުރުން ފަދަ ލިޔުންތައް ހިމެނެއެވެ. އެކަން ކުރެއްވީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައި ދެއްވުމުގެ މަގުސަދުގައެވެ.

ޒުވާނުންގެ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ބޭއްވެވި އެ މުބާރާތްތަކުގެ ސަބަބުން ފުވައްމުލަކުގައި ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަވިއެވެ. މޮޅެތި ކުޅުންތެރިންތަކެއް އުފެދުނެވެ. އެ ޓީމްތަކުން މާލެ އައިސް މާލޭގެ މޮޅެތި ޓީމްތައް ބަލިކޮށް ކާމިޔާބު ހޯދިއެވެ.

ފުވައްމުލަކަށް ފުރަތަމަ ވޯލްޑްކަޕް ދެއްކެވީ ފައިސަލް

ޓީވީއެމްއިން އަންނަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕުން ފެށިގެން އެ މުބާރާތް ދައްކަމުންނެވެ. ނަމަވެސް މުޅި ރާއްޖެއަށް ޓީވީގެ ޚިދުމަތް ދެވުނީ 2000 ވަނަ އަހަރު ކަމުން އޭގެ ކުރިން އަތޮޅު ތެރެއިން ވޯލްޑްކަޕް ބެލުމަކީ އުނދަގޫ ކަމެކެވެ. އެކަމަށް ހައްލު ގެނެސް އެ ފުރުސަތު ފުވައްމުލަކު ރައްޔިތުންނަށް އެންމެ ފުރަތަމަ ހޯދައިދެއްވީ ފައިސަލްއެވެ. އެމަނިކުފާން ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕްގެ މެޗްތައް ވަގުތުން ބޮޑު ސްކްރީނުގައި ފުވައްމުލަކުގައި ދައްކައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް "ސަން" އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ

ފުޓްބޯޅައިގެ އެ ޢީދު އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން އޭރު އަވައްޓެރި ސްރީލަންކާގެ އެންމެ މަޝްހޫރު އެއް ލަވަ ކިޔުންތެރިޔާ، މަނީލާލް ޕެޕޭރާ ފުވައްމުލަކަށް ގެންދިޔައެވެ. އަދި މާލޭން ގެންދިޔަ ބޭންޑްތަކާއެކު މެޗްތަކުގެ ފަހުންނާއި ކުރިން ފޯރިގަދަ މިއުޒިކް ޝޯތައް ބާއްވަވައި ރަށް އެއްބައި ކުރެއްވިއެވެ.

އެހާތަނަށް އެއީ ފުވައްމުލަކަށް އާ ކަމެކެވެ. އެ ރަށުގައި ހުރީ އެންމެ ޑިޝްއެންޓަނާއެކެވެ. އަމިއްލަ ޚަރަދުގައި މާލެއިން ދެ ޑިޝް އެންޓަނާ ގަނެގެން ފުވައްމުލަކަށް ގެންގޮސް 20 ފޫޓްގެ ބޮޑު ސްކްރީނެއްގައި ފައިސަލް އެފަހަރުގެ ވޯލްޑް ކަޕް ދެއްކެވިއެވެ. ދުނިޔޭގެ ފެންވަރުގެ، ރީތި ފުޓްބޯޅައެއް ކުޅޭތަން ވަގުތުން ފެނި، ފުވައްމުލަކުގައި ފުޓްބޯޅައިގެ ފޯރި މާ ގަދަވިއެވެ. އޭގެ ފަހުން ގޭގެއަށް ކޭބަލް ޓީވީގެ ޚިދުމަތް ލިބެންދެން ވޯލްޑް ކަޕާއި ޔޫރޯ މުބާރާތް ފައިސަލް ގެންދެވީ އެ ސިޓީގައި ދައްކަވަމުންނެވެ.

ފުޓްބޯޅައިން ފެއްޓެވި ޚިދުމަތާއެކު ނައިބު ރައީސަކަށް

އުމުރުން އެންމެ 12 އަހަރުގައި ފައިސަލް ފުޓްބޯޅަ މުބާރާތަކުން އިޖުތިމާއީ މަސައްކަތްތައް ފެއްޓެވިއިރު އެއީ އަގުހުރި ޚިދުމަތްތެރިއެކެވެ. ހަމައެކަނި ބޭއްވެވީ ފުޓްބޯޅަ މުބާރަތްތަކެއް ނޫނެވެ. ފުވައްމުލަކުގައި ގުރުއާން މުބާރާތްތަކާއި އިޖުތިމާއީ އެތައް ހަރަކާތެއް ބޭއްވެވިއެވެ. އޭގެ ތެރޭގައި ފުވައްމުލަކަށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ހިންގެވި "ވިޒިޓް ފުވައްމުލައް" ހަރަކާތް ފާހަގަ ކޮށްލެވެއެވެ.

ފައިސަލް ބޭއްވެވި ފުޓްބޯޅަ މުބާރާތެއް ބެލުމަށް ފުވައްމުލަކު މީހުން އެއްވެ، އެއީ އެ ސިޓީއަށް އަންނަ އީދެއް-- ފޮޓޯ: ފައިސަލް ފައުންޑޭޝަން

މިއަދު ރާއްޖޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު މީގެ ކުރިން ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު ކަމާއި ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ. ގައުމުގެ ނައިބު ރައީސްގެ މަގާމާ ހަމައަށް އާދެވުމުގެ ސިއްރަކީ ފައިސަލް ދެކެވަޑައިގަންނަވާ ގޮތުގައި ފުޓްބޯޅައިން ފެއްޓެވި ޚިދުމަތެވެ.

"ޒުވާނުންގެ މެދުގައި އަޅުގަނޑު ބަސް ވިކޭ މީހަކަށް އޭރުވެސްވި. އަޅުގަނޑު މިހާރު މިހިރަ ހިސާބަށް އާދެވުނީ 1986 ވަނަ އަހަރު ފުޓްބޯޅަ މުބާރާތަކުން އެ ފެށުނު މަސައްކަތުން،" "ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިޖުތިމާއީ ޚިދުމަތަށް މިލިއަނުން ޚަރަދު ކުރައްވައިފިއެވެ. އެ ހުރިހާ ޚަރަދެއް ކުރައްވަނީ އަމިއްލަ ޖީބުންނެވެ. ސްޕޮންސަރުން ނުހޯއްދަވައެވެ. ޒުވާން އުމުރުގައި ޓޫރިޒަމް ދާއިރާގެ އިސް މަގާމުތައް ފުރުއްވުމުގެ އިތުރުން ފައިސަލްގެ އާއިލާއަކީ ވެސް ފުދުންތެރި އާއިލާއެކެވެ. އެހެންކަމުން ލިބޭ ފައިސާއިން އިޖުތިމާއީ ކަންކަން ކުރެއްވުމަށް ފައިސަލް އަބަދުވެސް ލޯބި ކުރައްވައެވެ.

"އަޅުގަނޑަށް އުފާ ލިބެނީ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެން ކަންކަން ކުރުމުން،" ނައިބު ރައީސް ވިދާޅުވިއެވެ.

މޮޅު ކުޅުންތެރިއެއްވެސްމެ

ގިނަ ކުޅިވަރުތަކެއް ކުޅުއްވުމަށް ފައިސަލް ލޯބި ކުރައްވައެވެ. އޭގެ ތެރެއިން ވެސް އެމަނިކުފާން އެންމެ މޮޅަށް ކުޅުއްވަނީ ކްރިކެޓާއި ފުޓްބޯޅައެވެ. އީޕީއެސްގައި ތަޢުލީމް ހާސިލް ކުރެއްވިއިރު ސްކޫލް ކްރިކެޓް ޓީމްގެ ކެޕްޓަނަކީ ފައިސަލްއެވެ. އަދި އެމަނިކުފާން 1992 ވަނަ އަހަރު ސްކޫލް ނިންމެވިއިރު އިންޓަ ސްކޫލް މުބާރާތުން އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯއްދެވިއެވެ.

މުބާރާތަކަށް ފަހު ފައިސަލް އިނާމާ ހަވާލުވެވަޑައިގަނަންވަނީ-- ފޮޓޯ: ފައިސަލް ފައުންޑޭޝަން

އިޖުތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާއިން ވެސް ފައިސަލް ހޯއްދެވި ކާމިޔާބީތައް ވަރަށް ގިނައެވެ. އެ ހިސާބަށް ވަޑައިގެންނެވީ ބުރަ މަސައްކަތާއި އަގުހުރި ޚިދުމަތާއެކުއެވެ. އެ ޚިދުމަތުގެ ފެށުމަކީ ފުޓްބޯޅައެވެ. ފައިސަލް ނައިބު ރައީސްގެ މަގާމަށް ވަޑައިގަތީ ފުޓްބޯޅައިގެ މަގުންނެވެ.

comment ކޮމެންޓް