ބްލެޓާގެ އިތުރު ކޮރަޕްޝަންގެ ތަހްގީގެއް ފަށައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ސަސްޕެންޑް ކުރެވިފައިވާ ފީފަގެ ރައީސް ބްލެޓާ: މިހާރު ވެސް އަންނަނީ އޭނާގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން ---- ފޮޓޯ/ މާސާ

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ސަސްޕެންޑް ކުރެވިފައިވާ ފީފާގެ ރައީސް ސެޕް ބުލެޓާގެ އިތުރު ކޮރަޕްޝަނުގެ ތަހްގީގެއް އެފްބީއައި އިން ފަށައިފި އެވެ.

ފީފާގެ ކޮރަޕްޝަނުގެ ތަހްގީގު ކުރަމުން އަންނަ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން މިހާރު ކުރަމުން ދަނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑްކަޕްގެ ބްރޮޑްކާސްޓިން ރައިޓްސް ސުޕޯޓްސް މާކެޓިން ކޮމްޕެނީ (އައިއެސްއެލް) އަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި 100 މިލިއަން ޑޮލަރު ބްލެޓާއާއި ކުރީގެ ފީފާގެ ރައީސް ޖޮއާއޯ ހަވަލެންގް ނެގި ކަމުގެ ތުހުމަތެވެ.

ފީފާގެ ކޮރަޕްޝަން ތަހުގީގު ކުރަމުން އަންނަ އިދާރާތަކުން ބުނަނީ ވޯލްޑް ކަޕް ބޭއްވުމުގެ ވޯޓް ވިއްކާލުމާއި މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް އާއި އެނޫން ކަންކަމުގައި ކޮރަޕްޝަން ހަދައި ފިފާގެ އޮފިޝަލުން ނާޖާއިޒް ވަރަށް ގިނަ ފައިދާތައް ހޯއްދަވާފައިވާ ކަމަށެވެ.

ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ފީފާގެ ގިނަ އޮފިޝަލުންތަކެއް ސަސްޕެންޑް ކުރެވިފާ އިރު އެ އިދާރާގެ ދެ ނައިބު ރައީސުން ކަމަށްވާ ޕެރެގުއޭގެ ހުއާން އެންހެލް ނަޕޫޓް އާއި ހޮންޑޫރަސްގެ އަލްފްރެޑޯ ހަވިޓް ވެސް ވަނީ މިހާރު ހައްޔަރުކޮށް، 90 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.

ހަވިޓާއި ނަޕޫޓްގެ އިތުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލަމުންދާ ފީފާގެ ކޮރަޕްޝަން މައްސަލާގައި މިހާރު އަންނަނީ އެ ޖަމިއްޔާގެ އިތުރު 14 އޮފިޝަލެއްގެ މައްސަލަ ބަލަމުންނެވެ.

މިއަހަރުގެ މެއި މަހު ހައްޔަރުކުރި ހަތް އޮފިޝަލުންގެ ތެރޭގައި ފީފާގެ އޭރުގެ ނައިބް ރައީސް އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖެފްރީ ވެބް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ، އެމެރިކާ ސަރަހައްދުގައި ބޭއްވި މުބާރާތްތަކުގެ މާކެޓިން އަދި މީޑިއާ ރައިޓްސް ނުފޫޒުގެ ބޭނުންކޮށްގެން ވަކި ބަޔަކަށްދީ ބަދަލުގައި އެތައް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގުމުގައި ބައިވެރިވުމުގެ ތުހުމަތެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބްލެޓާގެ އިތުރުން ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. މިހާރު ފީފާ ހިންގަނީ ސީނިއާ ވައިސް ޕްރެޒިޑެންޓް އީސާ ހަޔަތޫ އެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވެ ފީފާގެ ރައީސް ކަމުން 17 އަހަރަށް ފަހު ބްލެޓާ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފަ އެވެ. އޭނާގެ ބަދަލުގައި އާ ރައީސަކު ހޮވަން ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީ މަހު އެވެ.

comment ކޮމެންޓް