ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދެވޭނެ: ރޫނީ

ރޫނީ ލަނޑު ޖެހުމަށްފަހު އުފާ ފާޅޫކުރަނީ: އޭނާ ގަބޫލު ކުރާ ގޮތުގައި ދެވަނަ ބުރަށް ޔުނައިޓެޑަށް ދެވޭނެ -- ފޮޓޯ: އިންޑިޕެންޑެންޓް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑަށް ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެސްވީ އާއި ޔުނައިޓެޑް ކުޅުނު މެޗަށްފަހު ރޫނީ ބުނީ އަމިއްލަ ދަނޑުގައި މޮޅު ނުވެވުމަކީ ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް ފަހު މެޗު ރަށުން ބޭރުގައި ކުޅެން ޖެހުނަސް މޮޅުވެގެން ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ހަފްތާގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލަނޑެއް ނުޖެހި ޕީއެސްވީއާ އެއްވަރުވިއިރު، ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު ވުލްފްސްބާގެވެ. ޔުނައިޓެޑް ދެވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޕީއެސްވީ އަށް ހަތް ޕޮއިންޓު ލިބިފައިވާއިރު، ސީއެސްކޭއޭ ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓު ހޯދައިގެންނެވެ.

ރޫނީ ބުނީ ޓީމުގެ އެޓޭކްގައި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްގެން ނޫނީ ކުރިއެރުން ހޯދަން އުނދަގޫވާނެ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރެވޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ކޯޗުގެ އިރުޝާދުތަކާ އެއްގޮތަށް ކުޅެގެން ކަމަށް އޭނާ ބުންޏެވެ.

ޔުނައިޓެޑްގެ އެޓޭކް ދަށްވުމުންނާއި ލަނޑު ނުޖެހުމުގެ މައްސަލަތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ލުއިސް ވެން ހާލް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލް އާއި އެޓީމްގެ ފޯވާޑްވޭން ރޫނީ ----

ޔުނައިޓެޑަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނީ ގްރޫޕުގެ ފަހު މެޗުގައި އެޓީމު ރަށުން ބޭރުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.

އެ މެޗު އެއްވަރުވެއްޖެނަމަ ޔުނައިޓެޑަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ އަނެއް މެޗުގައި ޕީއެސްވީ އަށް އަމިއްލަ ދަނޑުގައި ސީއެސްކޭއޭ ބަލިނުކުރެވިއްޖެ ނަމަ އެވެ. އަދި ޕީއެސްވީ އަތުން ސީއެސްކޭއޭ މޮޅުވެއްޖެ ނަމަ، ވުލްފްސްބާގު އަތުން ޔުނައިޓެޑް ބަލިވިޔަސް އެޓީމު ނުކަޓާނެ އެވެ.

comment ކޮމެންޓް