މެންޗެސްޓާ ޔުނައިޓެޑުގެ ގޯސް ނަތީޖާތަކާ ގުޅިގެން ޒިންމާ ނަގަން ޖެހޭނީ ކޯޗު އެރިކް ޓެން ހާގް އެކަނި ނޫން ކަމަށާއި އެކަމުގައި ކުޅުންތެރިން ވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށް އެ ކްލަބުގެ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ.
ޔުނައިޓެޑަށް މިސީޒަނުގެ ފެށުން ގޯސްފައިވާ އިރު، ދަށް ނަތީޖާތަކާއެކު މިވަގުތު އެޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އަށްވަނައިގައެވެ. ލީގުގައި ޔުނައިޓެޑު ކުޅުނު ދިހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، ފަސް މެޗުން ވަނީ ބަލިވެފައެވެ.
އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ޔުނައިޓެޑު ވަނީ ދާދި ފަހުން ކަރަބައޯ ކަޕުން ވެސް އަލްވަދާއު ކިޔަން ޖެހިފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ތާވަލުގައި ވެސް ބަޔާން މިއުނިކާއި ގަލަތަސަރާއީގެ ފަހަތުން ޔުނައިޓެޑު އޮތީ ގްރޫޕުގެ ތިންވަނައިގައެވެ. އެ ނަތީޖާތަކާ ގުޅިގެން ޓެން ހާގަަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އޭނާގެ ދިފާއުގައި ބާމިންހަމް ސިޓީގެ ކޯޗުކަމުގެ މަގާމުގައި ހުރި ރޫނީ ވަނީ ވާހަކަދައްކައިފައެވެ.
"އެއީ ވަޒީފާއަކީ، ވަޒީފާއާ ހަވާލުވާ އިރުވެސް މިކަހަލަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭނެ. އަހަރެން ބާމިންހަމްއާ ހަވާލުވެ ހުރި އިރުވެސް ޕްރެޝަރުތައް ކުރިމަތިވޭ. އަދި ޔުނައިޓެޑުގައި ޓެން ހާގަށް ވެސް ޕްރެޝަރު އަންނާނެކަން އޭނާއަށް އެނގޭނެ. ޔުނައިޓެޑުގައި ކަންކަން އެދަނީ ރަނގަޅަކަށް ނޫން. ނަތީޖާތަކަށް ކުޅުންތެރިން ވެސް ކޮންމެވެސް ވަރެއް ޒިންމާއެއް ނަގަން ޖެހޭނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ރޫނީ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އާއި އެޓީމުގެ ބައެއް ކުޅުންތެރިން -- ފޮޓޯ/ ގެޓީ
ރޫނީ ބުނީ ޔުނައިޓެޑުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެންނަމުން ނުދާ ކަމަށާއި އެކަމުގެ ސަބަބުން ޓެން ހާގަށް ވެސް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ކުޅުންތެރިންނަށް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެކަން ވެސް ރޫނީ ފާހަގަކުރިއެވެ.
ދާދި ފަހުން ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުގެ ނަތީޖާތަކާ ގުޅިގެން ޓެން ހާގް މަގާމުން ވަކިކުރުމަށް އެ ކްލަބުން ދަނީ ވިސްނަމުންނެވެ. އެގޮތުން ޓެން ހާގް ވަކިކޮށް، އެ މަގާމަށް ގެންނަން ޔުނައިޓެޑުން މަސައްކަތްކުރާ ކޯޗުންގެ ލިސްޓުގައި ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ޒައިނުއްދީން ޒިދާން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.