އިންގްލިޝް ޗެމްޕިއަންޝިޕްގެ ޓީމެއް ކަމުގައިވާ ބާމިންގްހަމް ސިޓީގެ އާ ކޯޗަކަށް އިންގްލެންޑްގެ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވޭން ރޫނީ ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތިގައި އިންގްލެންޑް ޓީމްގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ ރޫނީ ބާމިންގްހަމްގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ބާމިންގްހަމްއިން ވަނީ އެ ޓީމްގެ ކުރީގެ ކޯޗް ޖޯން އުސްޓޭސް މިދިޔަ ހޯމަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އިންގްލިޝް ޕްރިމިއާ ލީގުގެ އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ރޫނީ އަކީ ބާމިންގްހަމްގެ އާ ވެރިން ކަމަަށްވާ އެމެރިކާގެ ޝެލްބީ ކޮމްޕެނީސް ލިމިޓެޑްއިން އެކްލަބާއި ހަވާލުވިފަހުން ގެނައި ފުރަތަމަ ކޯޗެވެ.
ބާމިންގްހަމްގައި ރޫނީއަށް އެހީތެރިވެދިނުމަށްޓަކައި އޭނާގެ ކޯޗިން ޓީމުގައި ދެން ހިމެނޭ ފަރާތްތަކުގެ ތެރޭގައި އިންގްލަންޑްގެ 21 އަހަރުން ދަށުގެ ޓީމްގެ މިހާރުގެ ކޯޗް އަދި އިންގްލަންޑްގައި ރޫނީ އާއެކު އެއްކޮށް ކުޅެފައިވާ އޭޝްލީ ކޯލް އާއި ޔުނައިޓެޑްގައި އޭނާ އާއި އެއްކޮށް ކުޅުނު ރިޕަބްލިކް އޮފް އަޔަލަންޑްގެ ޤައުމީ ޓީމްގެ މިހާރުގެ އެސިސްޓަންޓް ކޯޗް ޖޯން އޯޝެއާ ހިމެނެއެވެ. މީގެ އިތުރުން ރޫނީ އެންމެ ފަހުން ކޯޗް ކޮށްދިން އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޑީސީ ޔުނައިޓޭޑްގައި އޭނާ އާއެކު މަސައްކަތް ކުރި ކާލް ރޮބިންސަން އާއި ޕީޓް ޝަޓަލްވާތުވެސް ވަނީ ބާމިންގްހަމްގެ ކޯޗިން ޓީމާއި ގުޅިފައެވެ.
މިއީ ރޫނީ ކޯޗް ކޮށްދޭ ތިން ވަނަ ކްލަބެވެ. އޭނާ މީގެ ކުރިން ވަނީ ޑާބީ ކައުންޓީއަށްވެސް ކޯޗް ކޮށްދީފައެވެ. ބާމިންގްހަމްގެ ކޯޗުގެ ގޮތުން ރޫނީ ނިކުންނަ ފުރަތަމަ މެޗަކަށް ވެގެންދާނީ މިމަހުގެ 21 ވަނަ ދުވަހު މިޑިލްސްބްރާ އާ ދެކޮޅަށް ކުޅޭ މެޗެވެ.
ބާމިންގްހަމްގެ ޗެއާމަން އައި ކޯ އޯނަރެއް ކަމުގައިވާ ޓޮމް ވެގްނާ ހާމަކުރިގޮތުގައި ރޫނީ އަކީ ކާމިޔާބީއާ ވަރަށް ރަހްމަތްތެރި ފަރާތެއް ކަމަށެވެ. އަދި އޭނާގެ ކޯޗިންގް ޓީމާއި ކްލަބާއި ސަޕޯޓަރުންގެ ތާއީދާއެކު މިކްލަބް ދެން އޮތް ހަރުފަތަށް ރޫނީ ގެންގޮސް ދޭނެކަމަށް ޤަބޫލް ކުރާކަމުގައި އޭނާ ހާމަކުރިއެވެ. ހަމައެއާއެކު ކްލަބް ބޯޑުގެ ފުރިހަމަ ތާއީދު ރޫނީ އަށާއި އޭނާގެ ކޯޗިން ޓީމަށް އެބައޮތް ކަމަށްވެސް ވެގްނާ ހާމަކުރިއެވެ.
މަގާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ރޫނީ ވަނީ ބާމިންގްހަމްގެ ކޯޗް ކަމާއި ހަވާލުވުމުގެ ފުރުސަތު ލިބުމުން އެކަމާއި ވަރަށް އުފާވާކަން ހާމަކޮށްފައެވެ. އަދި އާ ޓީމާއެކު މަސައްކަތް ފަށަން ކެތް މަދުވެފައިހުރިކަންވެސް ހާމަކުރިއެވެ.