އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވެގެންދާނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަނަށް ކަމަށާއި އެހެންކަމުން ރެއާލް މެޑްރިޑުން އޭނާގެ ކެރިއަރާ މެދު ވިސްނަން ޖެހޭނެ ކަމަށް އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ.
މި ސީޒަނުގައި ރެއާލްއާ ގުޅުނު ބެލިންހަމް ވަނީ މޮޅު ކުޅުމެއް ދައްކައި، މިހާތަނަށް އެ ޓީމަށް ދިހަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބެލިންހަމްއާ އެކު ރެއާލްގެ އެޓޭކު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.
ރެއާލްގެ އިތުރުން ބެލިންހަމް ދަނީ އިނގިރޭސި ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 3-1 އިން އިޓަލީ ބަލިކޮށް، އިނގިރޭސީން އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން އެ މެޗުގައި އިންގްލެންޑަށް ޕެނަލްޓީއެއް ހޯދައިދީ، ބެލިންހަމް އެސިސްޓެއް ވެސް ހެދިއެވެ.
ބެލިންހަމްގެ ފުރަތަމަ ކްލަބު، ބާމިންހަމް ސިޓީގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ރޫނީ ވަނީ ބެލިންހަމްގެ ކުޅުމަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އަދި ދަނޑުމަތީގައި ބެލިންހަމް ދައްކުވައިދެނީ ލީޑަރެއްގެ ސިފަތައް ކަމަށް ރޫނީ ބުންޏެވެ.
"ބެލިންހަމްއަކީ ކުރިއަށް އޮތް ތަނުގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަމަށް ފެންނާތީ، އޭނާއާ މެދު އަހަރެމެން ޖެހޭނެ ވިސްނަން. އުމުރުން 20 އަހަރުގައި ވެސް އޭނާ އެ ދައްކަނީ ޓީމުތަކުގެ ލީޑަރުން ދައްކާ ފަދަ ތަފާތު މޮޅު ކުޅުމެއް. އިނގިރޭސީންގެ ކުރިމަގަކީ ބެލިންހަމް ކަމަށްވުމުން، ރެއާލުން ވެސް ޖެހޭނެ އޭނާއާ މެދު ވިސްނައި، ރައްކާތެރިކަން ދޭން ޖެހޭނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ރޫނީ ބުންޏެވެ.
ރޫނީ ބުނީ ޒުވާން ކުޅުންތެރިންނަށް އެންމެ އުނދަގޫވާނެ ކަމަކީ ކުޅުން ގޯސްވެގެންދާ އިރު، އަލުން އެނބުރި މޮޅު ކުޅުމަށް އައުމަށް ކަމަށާއި ބެލިންހަމް ކުޅެނީ ރެއާލަށް ކަމުން، އެންމެ މެޗަކުން ވެސް އޭނާގެ ކުޅުން ގޯސްވެއްޖެ ނަމަ، ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި، އެފަދަ ވަގުތުތަކުގައި އޭނާއަށް ސަޕޯޓު ބޭނުންވާނެ ކަމަށް ވެސް ރޫނީ ބުންޏެވެ.
މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލާ ބެލިންހަމް ގުޅުނީ 103 މިލިއަން ޔޫރޯގެ އަގަކަށެވެ. ރެއާލާ ގުޅުމުގެ ކުރިން ވެސް ބެލިންހަމްއަކީ އިނގިރޭސި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އިނގިރޭސި ޔޫތު ޓީމުތަކަށް ވެސް ކުޅެފައިވާ ބެލިންހަމް، ސީނިއާ ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2020 ވަނަ އަހަރުއެވެ.