ރިޟުވާން ގެއްލުނު މައްސަލާގައި އަދީބާ ސުވާލުކުރަން ފަށައިފި: އުމަރު

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ފުލުހުން ސުވާލުކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރާ ހަވާލާދެއްވައި ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު ސަން އަށް ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލާގައި ފުލުހުންގެ ތަހުގީގު ޓީމުން އަދީބާ ދަނީ ސުވާލުކުރަމުން ކަމަށެވެ.

"ހޯމް މިނިސްޓަރު މިއަދު ވިދާޅުވި އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާ ފުލުހުން ސުވާލުކުރަމުން އަންނަ ކަމަށް،" ތަޒުމީލް ވިދާޅުވި އެވެ.

މީގެކުރިން ރިޟުވާންގެ އާއިލާއާ ބައްދަލުކުރެއްވުމަށް ފަހު އުމަރު ވިދާޅުވެފައި ވަނީ ރިޟުވާން ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދުމަށް ކުރެވެން އޮތް ހުރިހާކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ނުފޮރުޅާނެ އެންމެ ގާކޮޅެއް ވެސް ނޯންނާނެ ކަމަށް މިނިސްޓަރު އުމަރު ވަނީ ވިދާޅުވެފަ އެވެ.

ރިޟުވާން ގެއްލުނު މައްސަލާގައި އަދީބާ ސުވާލުކުރަން ފަށާފައިވާ އިރު، މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ރިޟުވާނަށްވީގޮތް ފުލުހުންނަށް އެނގޭ ކަމަށާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި އަދީބު ވަނީ އެކަމާ ގުޅޭ ރިޕޯޓުތައް ހިފަހައްޓާފައި ކަމަށެވެ.

"ޕޮލިހުގަ އެބަހުރި ރިޕޯޓުތައް. ޕޮލިހުގައި އެބައޮތް ތަހުގީގު. އެކަމަކު މި އަނިޔާވެރި ސަރުކާރުން އަހްމަދު އަދީބާ ހުސައިން ވަހީދު ވަނީ ރިޕޯޓުތައް ހިފަހައްޓާފައި. މިކަމަކަށް މިއަދަށް ފަހު ޖާގައެއް ނުލިބޭނެ. މިއަދަށް ފަހު މިކަމަކަށް ޖާގައެއް ނުލިބޭނެ ﷲ އިރާދަކުރެއްވިއްޔާ. މާތްﷲ އިރާދަކުރެއްވިއްޔާ މިއަދަށްފަހު މި ރިޕޯޓު ހިފަހައްޓާކަށް ޖާގައެއް ނުލިބޭނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރިޟުވާން ގެއްލުނު މައްސަލާގައި އެކި ޚަބަރުތައް ލިބެމުން އަންނަ ކަމަށާއި އެކަމުގެ ހަގީގަތް ފުލުހުން ހާމަކޮށްދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކިއެކި ޚަބަރުތައް އަންނަނީ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ކޮށާލާފަ ގޯންޏަކަށް އަޅާފައި ވަނީ. އަނެއްބަޔަކު ބުނާގޮތުން ކަނޑުފައްތާފަވީ. މިކަމުގެ ހަގީގަތް އެބަޖެހޭ ޕޮލިހުން ހާމަކޮށްދޭން،" އިމްރާން ވިދާޅުވި އެވެ.

ފުލުހުން މީގެކުރިން ނެރުނު އެކި ބަޔާންތަކުގައި ބުނެފައި ވަނީ ރިޟުވާން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އޭނާއަށް ވީގޮތެއް އެނގޭގޮތެއް ނުވި ކަމަށެވެ.

ރިޟުވާން އެންމެފަހުން ފެނިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލުން ކަމަށެވެ.

އުރީދޫން ނުރަސްމީކޮށް ލިބުނު މައުލޫމާތުތަކަކާ ހަވާލާދީ މިނިވަން ނޫހުން ކުރިން ބުނެފައި ވަނީ ރިޟްވާންގެ ފޯނުން އެންމެ ފަހުން ޑޭޓާ ބޭނުންކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 2:36 ގައި ހެންވޭރުގައި ކަމަށެވެ.

comment ކޮމެންޓް