މެމްބަރު އަބުޅޯ އާއި މުބީން ޕީޕީއެމަށް ސޮއި ކުރައްވައިފި

މެމްބަރު މުބީން އާއި މެމްބަރު އަބުޅޯ ޕީޕީއެމަށް ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން

ޖުމްހޫރީ ޕާޓީގައި ކުރިން ތިއްބެވި ، ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު މުޙައްމަދު މުބީނާއީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ މުޙައްމަދު ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

މުބީނާއި ޢަބުދުﷲ ޕީޕީއެމްއަށް ސޮއިކުރީ އެކަމަށް ޓަކައި ސްޓެލްކޯ މާލަމްގައި މިއަދު ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ދާއިރާގެ ރައްޔިތުން އެކަމަށް އެދޭ ވަރުން އެހެން ގޮތެއް ނެތިގެން ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވެސް އެކަން ގަބޫލުކުރައްވާނެ ކަމަށެވެ.

"...އަޅުގަނޑުމެންނަކަށް ނެތް އެއްވެސް އޮޕްޝަނެއް. އަޅުގަނޑުމެންނަށް ދާއިރާއަށް އެރޭކަށް ނެތް. އަޅުގަނޑު މިގޮނޑިއަށް ގެނައި އެންމެ މެމްބަރުން ، 90 އިންސައްތަ މެމްބަރުން ބޭނުންވަނީ މިސަރުކާރާ އެކު ކުރިއަށްދާން،" މުބީން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އެ ދެމެމްބަރުންގެ އިތުރުން އދ. ފެންފުށީ ރަށުކައުންސިލްގެ ރައީސާއި އެކު އެ ކައުންސިލްގެ ތިން މެމްބަރަކު ވެސް ޕީޕީއެމްއަށް ސޮއިކުރެއްވިއެވެ.

ޕީޕީއެމްއާ މިއަދު ގުޅިވަޑައިގެންނެވި މެމްބަރުންނަށް ރައީސް ޔާމީނާއި ރައީސް މައުމޫނު މަރުހަބާ ވިދާޅުވިއެވެ.

comment ކޮމެންޓް