MMA

ޕެރިހުގައި އަންހެނަކު ޖާނުންފިދާވެ، ފުލުހުންގެ ހަމަލާތަކުގައި އިތުރު މީހަކު މަރުވެއްޖެ

ފްރާންސްގެ ވެރިރަށް ޕެރިހުގައި އެގައުމުގެ ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަަނީ -- އޭއެފްޕީ ފޮޓޯ: ޔަހޫނިއުސް

ޕެރިހުގައި މިދިޔަ ހުކުރު ދުވަހު ބަޔަކުދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އެންމެ އިސްކޮށްހުރި ފަރާތް ހޯދުމަށް ފްރާންސްގެ ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި، ހަމަލާތަކާ ގުޅުންހުރި ބަޔަކު ތިބި އެޕާޓްމަންޓެއް ރެއިޑްކުރުމުން އެތަނުގައި އިން އަންހެންކު ޖާނުންފިދާވެގެން ހަށިގަނޑު ގޮއްވާލާފައި ވާއިރު އިތުރު މީހަކު ފުލުހުންގެ ހަމަލާތަކުގައި މަރުވެއްޖެއެވެ.

އޭއެފްޕީިން ބުނި ގޮތުގައި ވެރިރަށް ޕެރިހުގެ އުތުރުގައި އޮންނަ ފްރާންސްގެ ނޭޝަނަލް ސްޓޭޑިއަމް ހުންނަ ސެއިންޓް-ޑެނިސް ސަރަހައްދުން ރޭ ފަތިސް ވަގުތު ބާރުގަދަ ގޮވުންތަކާއެކު ބަޑީގެ އަޑުފައްގަނޑު ގުގުމައިގެން ދިޔަކަމަށާއި އަދި ފުލުހުން އެސަރަހައްދުގެ ބައެއް އާންމުން ދިރިއުޅޭ ތަންތަން ހުސްކޮށްފައިވާއިރު، އަނެއްބައި ތަންތަނުން މީހުން ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.

ފްރާންސްގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ބުނީ، ހުކުރު ދުވަހު ޕެރިހަށް ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރި ފަރާތްކަމަށްވާ އަބްދުލްހާމިދް އަބާއޫދު ނަކަމަށް ކިޔާ މީހާ ހުރި އެޕާޓްމަންޓަށް ވަނުމަށް ހަތް ވަރަކަށް ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ހިންގާފައި ވާއިރު، އެ އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އަދި އެ ގްރޫޕާ ފުލުހުންނާ ދޭތެރޭގައި ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ފަސްމީހަކު ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

ޕެރިހުގައި ދިން 129 މީހުން މަރުވި ހަމަލާގެ އެންމެ އަޑީގައި ހުރި އަބްދުލްހާމިދް އަބާއޫދު ހުރި އެޕާޓްމަންޓް ފުލުހުން ރެއިޑްކުރީ، މަންޒަރު ދުށް މީހުން ދިން މައުލޫމާތުންނާއި ޓެލެފޯން ސަވައިލަންސްގެ އެހީގައި ކަމަށް ޕެރިސް ޕްރޮސިކިއުޓަރ ފްރާންސުއާ މޮލިންސްއާ ހަވާލާދީ އޭއެފްޕީން ބުންޏެވެ.

މޮލިންސް އިތުރަށް ވިދާޅުވިކަމަށް ވަނީ، އެ ކުރިމަތިލުންތަކުގައި މަރުވި މީހާއަކީ ނުވަތަ ހައްޔަރުކުރި މީހުންގެ ތެރޭގައި އަބްދުލްހާމިދް އަބާއޫދު ހުރިކަން ދަންނަވަން އަދި މާ އަވަސްކަމަށެވެ.

އަބްދުލްހާމިދް އަބާއޫދު އަކީ، އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިއެކެވެ. ބެލްޖިއަމަށް ނިސްބާތްވާ އެމީހާ ހޯދަން ފުލުހުން މަސައްކަތްކުރުމުން އޭނާ ވަނީ ފިލައިގެން ސީރިއާއަށް ގޮސްފައެވެ.

ްފްރާންސްގެ ފުލުހުން މިއަދު ވަނީ، އެގައުމުގެ ހުޅަނގު ދެކުނުގައިވެސް ޓެރަރިސްޓުންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް