ފްރާންސާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ސޫރިއާގެ އާ ލީޑަރު އަޙުމަދު އަލް ޝަރުޢާ ބައްދަލުކުރައްވައިފިއެވެ.
މިއީ ޑިސެމްބަރު މަހު ސޫރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުން ސޫރިއާއަށް ކުރި ފުރަތަމަ ދަތުރުފުޅެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ނޯއެލް ބާރޮޓާއި ޖަރުމަނުގެ ޚާރިޖީ ވަޒީރު އަނާލީނާ ބާބޮކްއާ އަލް ޝަރުޢާއާ ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ.
"އަޅުގަނޑުމެން މިއަދު ދިމިޝްގަށް ދަތުރުކުރަނީ އަޅުގަނޑުމެންގެ ތާއީދު ސޫރިއާއަށް ދިނުމަށް، އާ ވެރިންގެ ފަރާތުން އުންމީދުތަކެއް ވެސް ކުރަން," ބައްދަލުވުމުގެ ކުރިން ޖަރުމަނުގެ ޚާރިޖީ ވަޒީރު ބާބޮކް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ބާރޮޓް ވިދާޅުވީ, ފްރާންސުން ދިމިޝްގުގެ އާ ވެރިންނަށް އިލްތިމާސް ކުރަމުންދަނީ ސޫރިއާގެ ހުރިހާ ޖަމާޢަތްތަކެއް، އެ ޖަމާޢަތްތަކުގެ ހުރިހާ ތަފާތުތަކެއްގައި، ތަމުސީލުކުރެވޭނެ ސިޔާސީ ބަދަލެއް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރޭގައި ކުރުދީ މައިނޯރިޓީއާ އެކު ސިޔާސީ ހައްލަކަށްވާސިލުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައްޝާރު ވެރިކަމުން ދުރުކުރުމާ އެކު، ގިނަ ގައުމުތަކަކުން އަންނަނީ އެ ގައުމުގެ އާ ސަރުކާރާ ގުޅުން ބަދަހިކުރުމަށް ބައްދަލުންތައް ބާއްވަމުންނެވެ. ޑިސެމްބަރު މަހުގެ ފަހުކޮޅު މެދުއިރުމަތީގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލް ބާބަރާ ލީފް ވެސް ވަނީ ދިމިޝްގުގައި އަލްޝަރްޢާއާ ބައްދަލުކުރައްވާފައެވެ.
ސޫރިއާގެ ހަނގުރާމަވެރިންގެ ޖަމާއަތް، ހަޔާތު ތަހުރީރުލް ޝާމަކީ މިހާރު ވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއާއި އދ އިން ކަނޑައަޅާފައި އޮންނަ ޖަމާއަތެކެވެ. އަލް ޝަރްޢާ ވަނީ އެ ޖަމާއަތް ގަބޫލުކުރުމަށް ގޮވާލައި، ސޫރިއާއަށް އަލުން ބިނާކުރުމަށް އަމާޒު ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
"މިހާރު ހިނގަމުންދާ ކަންކަމުން ސޫރިއާއަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެދެން،" މިދިޔަ މަހު ޓީވީން ދެއްވި އިންޓަވިއުއެއްގައި ޝަރްޢާ ވިދާޅުވިއެވެ.
ހަޔާތް ތަހުރީރުލް ޝާމްގެ އޮފިޝަލުން އާ ސަރުކާރެއް ގާއިމުކުރުމަށް ބޮޑު ޕްލޭނެއް އެކުލަވާލާފައިވާއިރު، އާ ސަރުކާރު ގާއިމުކުރަމުންދަނީ ހުރިހާ ފަންތިއެއްގެ ސޫރިއާ މީހުންނާ މަޝްވަރާކޮށްގެން ކަމަށް އެ ޖަމާއަތުން ބުނެއެވެ. އޭގެ އިތުރުން ސޫރިއާގެ އާ ގާނޫނު އަސާސީއެއް އެކުލަވާލުމަށް ކޮމިޓީއެއް ވެސް ވަނީ ކަނޑައަޅާފައެވެ.
comment ސީ2
3 month 1 week ago
ޕަޕެޓް ރެޖީމް. ވަރައްކުރިން ތިޔަކަން އިގޭ.
comment ފިޝަރމޭން
3 month 1 week ago
ބައްޝާރުގެ ވެރިކަން ވައްޓާލައި ހުޅަނގާއި ޔޫރަޕުން ބޭނުންވި ފަދަ ގޮނޑި ކޮއްކޮ ވެރިކަމެއް މިހާރު ސީރިއާގައި ތިއޮތީ. އެއީ ހަމަ ސީދާ ޓެރަރިސްޓް ބައިގަނޑެއް. ޔޫރަޕާ ހުޅަނގުން އުފަލުން ފޮޅިގެން ސީރިއާއަށް ދަތުރުތައް އަޅަމުން އެދަނީ. ސީރިއާވެސް ޖޯޑަންއަށް ވާނީ. ހުރިހާ މޮޅެއް ޔަހޫދީންނަށާއި ޔޫރަޕް އަދި ހުޅަނގަށް. މުސްލިމުން ހާލުގައި ޖެހޭނީ.