އިމަޖެންސީގައި މާލެ ގެންނަން އުޅުނު ބަލި މީހަކު މަރުވީ ޑޮކްޓަރުގެ އިހުމާލުން: ކުޅުދުއްފުށީ ހޮސްޕިޓަލް

ހަނިމާދޫ އެއާޕޯޓް: ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، އިމަޖެންސީގައި މާލެ ގެންނަން އުޅުނު ބަލި މީހަކު މަރުވީ ޑޮކްޓަރުގެ އިހުމާލުން ކަމަށް -- ފޮޓޯ: އެމްއޯޓީސީ

ހދ. ހަނިމާދޫއިން އިމަޖެންސީގައި ރޭ ފަތިހު މާލެ ގެންނަން މަސައްކަތް ކުރި ބަލި މީހަކު މަރުވީ ޑޮކްޓަރުގެ އިހުމާލުން ކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ށ. މިލަންދޫ ކެތީ ހައުސް، 57، ސަމީރާ މުހައްމަދު މަރުވީ ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެގެނައުމަށް ސީއެމްބިއުލާންސްގައި ހދ. ހަނިމާދޫ އެއާޕޯޓަށް ގެންގޮސްފައި ވަނިކޮށެވެ. މަރުވިއިރު އޭނާ އޮތީ އެއާޕޯޓުގެ ތެރޭގައެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހީމް ވަހީދު މިއަދު ސަން އަށް ވިދާޅުވީ، އެ ބަލިމީހާ މަރުވީ އޮކްސިޖަންފުޅި ހުސްވެގެން ކަމަށެވެ.

"އޮކްސިޖަންފުޅި ބަދަލުނުކޮށް ހުއްޓާ ހުސްވީ. ޑޮކްޓަރުގެ އިހުމާލެއް ނޫންގޮތަކަށް ނުބުނެވޭނެ ދެއްތޯ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ، ކޮންމެ އޮކްސިޖަން ފުޅިއެއްގައިވެސް މެޝާ ކުރެވޭނެ މީޓަރެއް އިންނާނެ ކަމަށާއި އެހެންކަމުން ހުސްވާވަރު ވެސް އެނގޭނެ ކަމަށެވެ.

އޮކްސިޖަންފުޅި ހުސްވިޔަސް ބޭނުންކުރާނެ އިތުރު އޮކްސިޖަންފުޅި ސީއެމްބިއުލާންގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނިމާދޫ ޖެޓީއާ އެއާޕޯޓު އެއީ ހިނގާމީހަކަށް ފަސް މިނެޓު. އެހާވެސް ކައިރި. އެކަން ޑޮކްޓަރަށް އެނގިވަޑައިގަންނަވާނެ. ސީއެމްބިއުލާންސްގަ ހުންނާނެ އޮކްސިޖަންފުޅި،" ވަހީދު ވިދާޅުވި އެވެ.

އިހުމާލުވި އެ ޑޮކްޓަރަކީ ބަނގުލަދޭޝްއަށް ނިސްބަތްވާ ޑޮކްޓަރެކެވެ. އޭނާ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާތާ އެއްއަހަރު ވެއްޖެއެވެ.

އެ ހާދިސާއަށްފަހު އެ ޑޮކްޓަރު ސަސްޕެންޑުކޮށްފައިވާ ކަމަށާއި އޭނާ ޑީޕޯޓުކުރުމަށް މާލެ ފޮނުވާލުމަށް ހެލްތު މިނިސްޓްރީން މިއަދު އަންގާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް