އިހުމާލުގެ ވާހަކަ ދައްކާ ހުސްވާކަށް ނެތެެވެ. އިންސާނުންގެ ފުރާނައާ ގުޅިފައިވާ އެތައް ކަމެއްގައި ވެސް އިހުމާލުގެ މައްޗަށް އިހުމާލެވެ. މި ކަމުގެ ކަންބޮޑުވުން ފާޅުކޮށްކޮށް އާއްމުން ވެސް މޮޔަވާވަރު ވެއްޖެއެވެ.
މި ކަމުގެ ފެށުމަކީ މާރިޗު 28 ވަނަ ދުވަހު ހިނގި އެކްސިޑެންޓެެކެވެ. ޒަރީނާ، 55 (އަސްލު ނަމެއް ނޫން) އާއި އޭނާގެ 21 އަހަރުގެ ދަރިފުޅު މާލޭގައި ތިބެފައި އެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެ މީހުންގެ ފްލެޓަށް ދިޔައީ ވަރަށް ދަންވި ފަހުންނެވެ.
ދިޔަ މަގުމަތީގައި ބާރު ސްޕީޑުގައި އައި ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ. އެކްސިޑެންޓުގައި ޒަރީނާގެ ކޮނޑުހުޅުން ދެ ތަނަކުން ބިންދައިގެން ދިޔައީއެވެ. ދަރިފުޅުގެ ދަތް ބިނދި ފަޔަށް ވެސް އަނިޔާވެ ނުހިނގޭ ވަރު ވީއެވެ.
ވަގުތުން ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްއެޗްއަށް ގެންގޮސް ހޮސްޕިޓަލްގައި އެޑްމިޓްކުރިއެވެ.ސާޖަރީ ކުރީ އެޑްމިޓްކުރިތާ ތިންވަނައަށްވީ ދުވަހުއެވެ.
"އޮޕަރޭޝަން ނިންމައިފައި ނުކުމެ ޑޮކްޓަރުން އަޅުގަނޑު ކުދިން ކައިރި ބުނީ ބިންދައިގެން ގޮސްފައި އިންތަން ބޮޑުކަމުން ތިމަންނަމެން ޕްލެޓްކޮޅެއް އަޅާފައި އިސްކުރު ޖަހާފައޭ ހުންނާނީ،" އޭނާ ކިޔައިދިނެވެ.
ޒަރީނާ ކިޔައިދިން ގޮތުގައި އޭނާގެ ދަރިންގެ ގާތުގައި ޑޮކްޓަރުން އެއްވާހަކަ ބުންޏެވެ. އެއީ އިސްކުރު ޖެހުމުގެ ތެރޭގައި ކަށި އެތެރެއަށް ބިންދައިގެން ދިޔަ ވާހަކައެވެ. ނަމަވެސް، އެ ކަށި ނެގި ވާހަކަ ވެސް ބުންޏެވެ.
މާ ބޮޑު ފަރުވާލެއް އެ މީހުން ވެސް ނުބަހައްޓައެވެ. ގިނަ ފަހަރަށް ޑޮކްޓަރުންނަށް އެންމެން ވެސް އިތުބާރު ކުރެއެވެ. ކުރަން ޖެހޭ ވެސް މެއެވެ.
އެކަމަކު ޒަރީނާގެ އަތް ހުންނަނީ ދުޅަވެފައެވެ. އޭގެ ފަހުން ވެސް އެކްސްރޭއެއް ނަގައިގެން ޑޮކްޓަރުން ބެލިއެވެ. މައްސަލައެއް ފާހަގައެއް ނުކުރެއެވެ.
"ފިޒިއޮތެރަޕީ ހަދަން ކޮންމެ ދުވަހަކު ދަން. އެކަމަކު ކުރިއެރުމެއް ނުލިބޭ،" ޒަރީނާ ކިޔައިދިނެވެ.
"ދެން ދެ ހަފްތާފަހުން އެކްސްރޭ ނަގައިގެން އަންނާށޭ ބުނީމަ ދިޔައީ އިއްޔެ ނޫން ކުރީ ދުވަހު،" އޭނާ ކިޔައިިދިނެެވެ.
އާދީއްތަ ދުވަހު އެކްސްރޭ ނަގަން ދިޔައެވެ. ގޮސް އެކްސްރޭ ނަގައިގެން ނުކުންނަން އުޅެނިކޮށް އެ ތަނުގައި އެކްސްރޭ ނަގަން ހުރި ބިދޭސީ މީހާ ސްކްރީނުން ޒަރީނާއަށް އެކްސްރޭ ދައްކައިލިއެވެ.
"އޭނާ ބަލަހައްޓައިގެން ހުރީ އަޅުގަނޑާ ދިމާލަށް. އަޅުގަނޑު އެހިން ކިހިނެއްހޭ ވީ. އޭނާ ބުނީ ޑޮކްޓަރު ކައިރީ އަހާލާށޭ،" ޒަރީނާ ކިޔައިދިނެވެ.
ހަމަ އެ ދުވަހު ޑޮކްޓަރަށް ވެސް ދެއްކިއެވެ. ޑޮކްޓަރުން ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ކަށިގަނޑަށް ބޯލްޓް ޖެހި ތަންތަން ހުރީ ރަނގަޅަށް ބެދިފައި ކަމަށެވެ.
"އެކަމަކު ހަ ހަފްތާ ވާއިރު މަސައްކަތް ކުރަން ޖެހޭ ވަރަށް މަަސައްކަތެއް ނުކުރެއޯ ބުނީ. ފިޒިއޯ ހެދޭވަރު މަދީއޯ. އެކަމަކު އަޅުގަނޑު ބުނިން އަޅުގަނޑު ކޮންމެ ދުވަހަކު އަންނަމޭ،" ޒަރީނާ ކިޔައިދިނެވެ.
ޑޮކްޓަރަށް ދައްކާ ނިމުމަށްފަހު ގެއަށް ގޮސް ރަނގަޅަށް އެކްސްރޭ ބެލިއެވެ. އޭގެން ފާހަގަވީ އެ ތަނުން ކަށިގަނޑު ދުރުވެފައި އިން ތަންކޮޅަކީ އިސްކުރުޖަހަން ތޮރުފި ތަންކޮޅު ކަމެވެ. އަދި ކަށިގަނޑުގެ އެއްބައި ބިންދައިގެން ދިއުމުން އެތެރޭގައި އެއްބައި ބޭއްވުމަށްފަހު އަނެއްބައި ނަގައިގެން ފަރުޖައްސާލީއެވެ.
"މިއަދު ހަވީރު ޓްރީޓޮޕްގެ ކަށީގެ ޑޮކްޓަރަކަށް ދައްކަން ނަންބަރު ނަގާފައި އޮންނާނީ،" ޒަރީނާ ބުންޏެވެ.
އެ ޓޫލްއާއެކު ދެތިން ހަފްތާ ޒަރީނާ ހޭދަކުރިއެވެ. އެކަމަކު، އޭގެ ސަބަބުން އުނދަގޫތަކާ އޭނާ ކުރިމަތިލިއެވެ. ހަށިގަނޑުގެ އތެރޭގައި އެއްޗެއް އޮންނަކަން އޭނާއަށް އިހުސާސްކުރެވެއެވެ.
"އެކްސްރޭ ނެގުމުގެ ކުރިން ވެސް ބުނިން ދަރިން ގާތުގައި ވެސް ހީވެޔޭ ދަގަނޑުކޮޅެއް އޮންނަހެން މި ތަނުގައި. ދަންވަރަށް ވަރަށް އުނދަގޫވޭ،" ޒަރީނާ ކިޔައިދިނެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ބޮޑު އިހުމާލެކެވެ. ކަންވީ ގޮތް ހޮސްޕިޓަލުން ރަނގަޅަށް ސާފުކޮށްދީފައެއް ވެސް ނުވެއެެވެ. އަދި އެ ކަށި ހަށިގަނޑުގެ ތެރޭގައި ބޭއްވުމަކީ ވެސް ބޮޑު އިހުމާލެއްކަމަށް އޭނާ ދެކެއެވެ.
އޭނާއަކީ ބުރަ މަސައްކަތްކޮށް ދިިރިއުޅޭ މީހެކެވެ. އެކަމަކު، އޭނާއަށް ފަސޭހަކަން ނުލިބި މިދިޔަ ދުވަސްތަކަކީ މި އިހުމާލުގެ ސަބަބުން ވީ ކަމަކަށް ވެދާނެއެވެ.
މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ކުރި އޮޕަރޭޝަނެއްގައި ބޯލްޓް ޖަހަން ގެންގުޅުނު ކައްޓެއް ބިނދި އޭގެ ބައެއް ހަށިގަނޑު ތެރޭ ބޭއްވުމަށްފަހު އެ ތަން ފަހައި އެ ކަމަށް ގިނަ ދުވަސްތަކެއް ފަހުން އެ ކަން އެނގުނު މައްސަލަ ސިއްހީ ގޮތުން ފަރުވާކުޑަކުރިކަމުގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ.
މި ކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ތިބޭ ޕޭޝަންޓުން މައްސަލަ ހުށަހަޅަން ވަކި ގަވައިދެއް އޮންނަ ކަމަށެވެ.
އެ ގަވައިދުގެ ތެރެއިން އަދި އެ ފަދަ އެއްވެސް މައްސަލައެއް ހުށަހަޅައިފައިނުވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ނަމަވެސް ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އާމިނަތު ޝަތުފާ "ސަން"އަށް ވިދާޅުވީ އެ މައްސަލަ ސޯޝަލް މީޑިއާގެ ޒަރީއާއިން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ ސަމާލުކަމަށް ރޭގައި އެ މައްސަލަ އައި. އެއާއެކު މިއަދު ކޮލިޓީ އެޝުއަރަންސްއިން އެ މައްސަލަ ބަލަން ފަށާނެ،" ޝަތުފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން އައިޖީއެމްއެޗް މެނޭޖު ނުކުރާކަމަށެވެ. އެ މިނިސްޓްރީން ކުރާ މަސައްކަތަކީ ރެގިއުލޭޓުކުރުންކަމަށް ޝަތުފާ ވިދާޅުވިއެވެ.
މާޗު 25ވަނަ ދުވަހު އައިޖީއެމްއެޗްއަށް ބޯ ފަޅައިގެން ގޮސްގެން ގެނައި މީހަކަށް ވެސް ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން އޭނާގެ އަތް އިންފެކްޓްވެ އިނގިލިތައް ބުރިކޮށްލަން ޖެހުނެވެ. އަދި ސެންޓްރަލް ލައިން ގުޅި ގޮތުގެ ސަބަބުން އިންފެކްޓްވެ ބޮޑު ފާރުގަނޑެއް އުފެދުނެވެ. ޖުމުލަ 36 ދުވަހު ހޮސްޕިޓަލުގައި އޮތުމަށްފަހު 85 އަހަރުގެ އެ މީހާ ނިޔާވީއެވެ.
މެޑިކަލް ނެގްލިޖެންސްގެ މައްސަލަތައް ރާއްޖޭގައި މަދެއް ނޫނެވެ. 2021 ވަނަ އަހަރު ކްރީމް ޖެހި ބަނަހެއް ކައިގެން އެލާޖިކްވެ، އައިޖީއެމްއެޗްއިން ފަރުވާ ހޯދި މަރިޔަމް ޒައީމާގެ ގަޔަށް ވެސް އިންޖެކްޝަނެއް ޖެހީ ގޯސްކޮށެވެ. އޭނާގެ ހާލު ގޯސްވީ އެހެންވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ ދުނިޔެ ދޫކޮށްފައެވެެ.
ހަމަ އެ އަހަރު ކޮވިޑް ޖެހިގެން މަރުވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރަކީ ވެސް އިހުމާލުން ހިނގައިފައިވާ މަރެކެވެ. އެމްބިއުލެންސް ފޮނުވުމަށް އެތައް ފަަހަރަކު ގުޅުމުން ވެސް އެތައް އިރެއްވެ ލަސްވީއެވެ.
އިހުމާލުގެ ވާހަކަތައް ދައްކާ ހުސްވުމެއް ނެތެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް ފިޔަވަޅު އެޅޭ ތަނެއް ނުފެނެއެވެ. މި ކަންކަމަށް ހައްލު ލިބޭނީ ވެސް އިދާރާތައް ޒިންމާދާރު ކުރުވައިގެންނެވެ. ނޫންނަމަ، އިހުމާލުގެ މައްޗަށް އިހުމާލު ހިނގަ ހިނގާ ހުންނާނީއެވެ.