ޔޫރޯގެ ޖާގައެއް އަޔަލެންޑުން ހޯދައިފި

ބޮސްނިއާއި އަޔަލެންޑް ރޭ ބައްދަލުކުރި މެޗްގައި އެ ޓީމްގެ ފުރަތަމަ ގޯލް ޖޮނަތަން ވޮލްޓާސް ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ:އޭޕީ

ބޮސްނިއާގެ މައްޗަށް 2-0 އިން ކުރި ހޯދައި އަންނަ އަހަރުގެ ޔޫރޯ އިން އަޔަލެންޑް ޖާގަ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޕްލޭއޮފުގެ ދެ ވަނަ ލެގު 2-0 އިން ކާމިޔާބުކުރުމާ އެކު ދެ ލެގުގެ އެގްރިގޭޓުން އަޔަލެންޑަށް ކުރި ލިބުނީ 3-1 އިންނެވެ. ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އަޔަލޭންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑުނަގައިފައެވެ. އަޔަލޭންޑަށް ލިބުނު ޕެނަލްޓީއަކުން މި ގޯލް، ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް، ޖޮނަތަން ވޮލްޓާސްއެވެ.

މެޗުގެ ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބޮސްނިއާއިން ކުޅުނު ނަމަވެސް، މެޗުގެ 70 ވަނަ މިނެޓްގައި ވޮލްޓާސް ވަނީ، އަޔަލޭންޑްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމު ޔޫރޯއަށް ކޮލިފައިކޮށްދީފައެވެ.

މިއީ އަޔަލޭންޑް ޔޫރޯއަށް ކޮލިފައިވީ ތިންވަނަ ފަހަރެވެ. މީގެކުރިން އެޓީމު ޔޫރޯއަށް ކޮލިފައިވަނީ، 1988 އަދި 2012 ވަނަ އަހަރުގައެވެ.

އަޔަލެންޑް ޔޫރޯއަށް ކޮލިފައިވުމުން އެ ޓީމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ:އޭޕީ

މެޗަށް ފަހު އަޔަލޭންޑްގެ ކޯޗު މާޓީން އޯނީލް ބުނީ ކޮލިފައިން ފެށިއިރު އޭނާގެ ޓީމު ކޮލިފައިވާނެ ކަމަށް ކުޑަކޮށް ވެސް ހީނުކުރާ ކަމަށެވެ.

"އެންމެ ފުރަތަމަ ފްރާންސަށް މުބާރާތަށް ދެވިދާނެ ކަމާމެދު ވިސްނަން ވެސް އުނދަގޫވި. ސަބަބަކީ އަހަރުމެން އޮތް ގްރޫޕުގެ ސަބަބުން. އެހެންވީމަ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް. ރެފްރީގެ އެންމެ ފަހު ކަށިގަނޑާއެކު ފްރާންސަށް އަހަރުމެންގެ ޓީމު ދާނެކަން ކަށަވަރުވުމުން އެއީ ވަރަށް، ވަރަށް ހާއްސަ ވަގުތުކޮޅަކަށްވި،" ކޯޗު ބުންޏެވެ.

ޕްލޭއޮފުގައި ވާދަކުރަނީ 8 ޓީމެވެ. ޕްލޭއޮފުގެ ފުރަތަމަ ކުރިމަތިލުމުގައި ނޯވޭގެ މައްޗަށް ކުރި ހޯދައި ހަންގޭރީ ވެސް ވަނީ ޔޫރޯ އަށް ކޮލިފައިވެފަ އެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު 1-0 އިން ހަންގޭރީ ކާމިޔާބުކުރިއިރު ދެ ވަނަ ލެގު އާދީއްތަ ދުވަހުގެރޭ ހަންގޭރީ ކާމިޔާބުކުރީ 2-1 އިންނެވެ. ދެ ލެގުގެ އެގްރިގޭޓުން ހަންގޭރީ އަށް ކުރި ލިބުނީ 3-1 އިންނެވެ.

ޕްލޭއޮފުގައި ދެން ވާދަކުރަނީ ޔޫކްރޭނާއި ސްލޮވީނިއާ އަދި ސްވިޑަން އާއި ޑެންމާކެވެ. ފުރަތަމަ ލެގުގައި ސްލޮވީނިއާ އަތުން 2-0 އިން ޔޫކްރޭން ވަނީ މޮޅުވެފަ އެވެ. އަދި ޑެންމާކް އަތުން 2-1 އިން ސްވިޑަން ވަނީ މޮޅުވެފަ އެވެ.

comment ކޮމެންޓް