ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އައިސްލެންޑުން ނެގި 23 ކުޅުންތެރިންގެ ސްކޮޑުން އުމުރުން 37 އަހަރުގެ ފޯވާޑް އެއިޑާ ގަޑްޔޯންސަން ހިމަނައިފިއެވެ.
ބާސެލޯނާ އާއި އެކު ލަލީގާ ކާމިޔާބުކޮށް ޗެލްސީއާއެކު ދެ ފަހަރު އިނގިރޭސި ޕްރިމިއާ ލީގްގެ އަދި ޗެމްޕިއަންސް ލީގް ވެސް ކާމިޔާބް ކޮށްފައިވާ ގަޑްޔޯންސަން އަކީ އައިސްލޭންޑްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއެވެ.
ޗައިނާގެ ލީގުގައި މިދިޔަ އަހަރު ނޮވެމްބަރ ހަމައަށް ކުޅުމަށް ފަހު ގަޑްޔޯންސަން ވަނީ އައިސްލޭންޑްގެ ލީގަށް ބަދަލުވެފަ އެވެ.
"ޗައިނާ ލީގުގައި ކުޅުމަށް ފަހު ގައުމަށް އެބުރި މިއައީ ވެސް ޔޫރޯއިން ފުރުސަތު ހޯދުމަށް. އެކަމަށް ޓަކައި ވޭތުވެދިޔަ ދުވަސްތަކު ވަރަށް ގިނަ މަސަތްކަތްތަކެއް ކޮށްފައިވާނީ،" ގަޑްޔޯންސަން ބުންޏެވެ.
އައިސްލޭންޑް ޓީމުގެ ކޯ މެނޭޖަރު ލާސް ލެގާބެކް ބުނީ ގަޑްޔޯންސަން ޓީމަށް ނެގީ އޭނާގެ ކުޅުމަށާއި ފިޓްނަސް އަށް ބެލުމަށް ފަހު ކަމަށާއި ޖެނުއަރީގެ ކުރިން އޭނާ ކުލަބަކާ ނުގުޅި ހުރި ނަމަ ޓީމުން ފުރުސަތެއް ނުލުބުނީސް ކަމަށެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕަށް ކޮލިފައި ނުވުމުން ގަޑްޔޯންސަން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު އިންޓަނޭޝަނަލް ފުޓްބޯޅައިން ރެޓައާ ކުރިކަން ވެސް އިއުލާން ކޮށްފައެއެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް އޭނާ ވަނީ މިދިޔަ އަހަރު އައިސްލެންޑް ޓީމާއި ގުޅި އެ ގައުމު ފުރަތަމަ ފަހަރަށް އިންޓަނޭސަނަލް މުބާރާތަކަށް ކޮލިފައި ކޮށްދިނުމުގައި ވެސް ބޮޑު ހިއްސާ އެއް އަދާކޮށްފަ އެވެ.