އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ ނުނަގައި ދޫކޮށްލުމަކީ އުނދަގޫ ކަމެއް ކަމަށް އިނގިރޭސި ޓީމުގެ ކޯޗް ރޮއީ ހޮޑްސަން ބުނެފި އެވެ.
ހޮޑްސަން މިހެން ބުނީ މި ސީޒަނުގައި ވާޑީ ދަށްކަމުން އަންނަ މޮޅުކުޅުމާ އެކު އިނގިރޭސި ލީގުގައި ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައި އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހޯދައިފައި ވަނިކޮށެވެ.
"ވާޑީ ޖަހަމުންދާ ލަނޑުތަކާ އެކު އޭނާ ހުރީ ރަނގަޅު ފޯމެއްގައި. އެ ފޯމްގައި އޭނާ ކުޅެމުންދާ ނަމަ އިނގިރޭސި ސްކޮޑަށް ނާރަންވީ އެއް ވެސް ސަބަބެއް ނެތް. އަހަރެންނަކަށް ނުކެރޭނެ އޭނާ ބައިކީ ކޮށްލާކަށް،" ހޮޑްސަން ބުންޏެވެ.
އުމުރުން 28 އަހަރުގެ ހުނަރުވެރި ފޯވާޑް ވަނީ މިއަހަރު އަލަށް އިންގްލޭންޑް ޓީމްގައި ހިމެނިފަ އެވެ. އެ ގޮތުން ޖޫން ހަތެއްގައި ޔޫރޯ ކޮލިފިކޭޝަންގައި އަޔަލޭންޑާއި ދެކޮޅަށް ކުޅުނު މެޗްގެ ފަހު 15 މިނެޓްގައި ކެޕްޓަން ރޫނީގެ ބަދަލުގައި ވާޑީ ވަނީ ކުޅެފަ އެވެ. ނަމަވެސް އެ މެޗް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއް ވަރުވެފަ އެވެ.
މި ސީޒަނުގައި 15 ގޯލް ކާމިޔާބުކޮށްގެން އެންމެ ގިނަ ގޯލްޖަހާފައިވާ ވާޑީ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން، އޭނާ ހޯދުމަށް ޖެނުއަރީ ޓްރާންސްފާގައި މަޝްހޫރު ގިނަ ޓީމުތަކަކުން މަސައްކަތްކުރާނެ ކަމަށް ބެލެވިފައިވާ އިރު، ލެސްޓާ ސިޓީގެ ކޯޗް ރަނިއޭރީ ބުނީ ވާޑީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ގަނޭވޭ ވަރަށް ލާރި ހުރު ކުލަބެއް ވެސް ނެތް ކަމަށެވެ.
މި ސީޒަނަށް އިނގިރޭސި ޕްރިމިއާ ލީގުން ލެސްޓާ އަށް ޖާގަ ލިބިފައި ވަނީ 10 އަހަރު ފަހުންނެވެ. ނަމަވެސް ވާޑީގެ ލަނޑުތަކާ އެކު ލެސްޓާ މި ވަގުތު އޮތީ ކުޅުނު 16 މެޗުން 35 ޕޮއިންޓް ލިބިގެން ލީގު ތާވަލްގެ އެއްވަނައިގަ އެވެ.