ކޯޓުން އެޅި ފިޔަވަޅުތައް ލުއި ކުރުމުން ބެންޒެމާއަށް ޔޫރޯގައި ކުޅެވޭނެ

ފްރާންސް ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ ބެންޒެމާ (ކ) އަދި ވަލްބުއެނާ (ވ): މި ދެކުޅުންތެރިންގެ ދެމެދުގައި ގުޅުން ވަނީ ގޯސްވެފަ --- ފޮޓޯ: ދަ ސަން

ފުރާންސްގެ ފޯވާޑް ކަރިމް ބެންޒެމާއާ ދެކޮޅަށް ކޯޓުން އަޅާފައިފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރުމުން އޭނާ އަށް ޔޫރޯގައި ކުޅުމުގެ ފުރުސަތު ތަނަވަސް ވެއްޖެ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ޔޫރޯއިން ބެންޒަމާ ނުފެނިދާނެ ކަމުގެ ސުވާލު އުފެދިގެން ދިޔައީ ބްލެކް މެއިލް ކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް އުފުލައި ގައުމީ ޓީމުން ސަސްޕެންޑް ކުރި ހިސާބުންނެވެ. ބެންޒެމާގެ ސަސްޕެންޑް ކުރީ ފްރާންސްގެ ގައުމީ ޓީމުގައި ހިމެނޭ މެތިއު ވެލްބުއެނާ، ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

ފްރާންސްގެ ފުޓްބޯޅަ އިދާރީން ބެންޒެމާ ސަސްޕެންޑް ކުރުމަށްފަހު ބުނެފައި ވަނީ ކޯޓުން ބެންޒެމާގެ މައްޗަށް ނެރެފައިވާ ބައެއް އަމުރުތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެ ސަސްޕެންޝަން އުވާލާނީ އެ އަމުރުތައް ބާތިލް ކުރުމުން ކަމަށެވެ.

ބްލެކް މެއިލް ކުރި މައްސަލަ ބަލައި ނިމެންދެން ބެންޒެމާ އާއި ވެލްބުއާނާ ބައްދަލު ކުރުން ކޯޓުން މަނާ ކުރުމުން، ބެންޒަމާގެ ފަރާތުން އެ މައްސަލަ ވަނީ ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ބެންޒެމާ ހުށަހެޅި ނުކުތާތަކަށް ޝަރީއަތް ހިންގުމަށްފަހު ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ބެންޒެމާއާ އެއްކޮޅަށެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ބެންޒެމާއާ އެއްކޮޅަށް ނިމުމުން އޭނާގެ ވަކީލުންގެ ޓީމުން ބުނީ މުޅި މައްސަލަ ބެންޒެމާއާ އެއްކޮޅަށް ނިމޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުތަމަ ފިޔަވަޅު އެޅިއްޖެ ކަމަށް ވެސް އޭނާގެ ވަކީލުން ބުންޏެވެ.

ފްރާންސް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ފުރިހަމަ އިތުބާރު ބެންޒެމާއަށް އޮތްއިރު ޒިދާނަކީ ފްރާންސްގެ ފުޓްބޯޅަ އާއި އެ ގައުމުގެ އެފްއޭގައި ވެސް ނުފޫޒް ގަދަ ކޯޗެކެވެ. އެހެން ކަމަން ޔޫރޯއަށް ނަގާ ފްރާންސް ސްކޮޑުން ބެންޒެމާ އަށް ފުރުސަތު ލިބޭނެ ކަމަށް އެ ގައުމުގެ މީޑިއާ އިން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް