އެމެރިކާގެ ނިއު ޔޯކް ކޮސްމޮސްއާއަށް ކުޅެމުން އަންނަ ސްޕެއިންގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒް އޭނާގެ ކެރިއަރު ނިންމާލައިފި އެވެ.
އޮޓާވާ ފިއުރީ އަތުން 3-1 އިން މޮޅުވެ ނިއު ޔޯކް ކޮސްމޮސް ޗެމްޕިއަންކަން ހޯދިއިރު، އުމުރުން 38 އަހަރުގެ ރައުލް ވަނީ މި މެޗުގެ 90 މިނިޓު ފުރިހަމަކޮށްފަ އެވެ. މެޗުގައި ކޮސްމޮސް އިން ޖެހި ތިން ވަނަ ލަނޑަކީ ރައުލް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.
ރައުލްގެ 21 އަހަރުވީ ކެރިއަރުގައި އޭނާ ވަނީ ޖުމްލަ 22 ތަށި ކާމިޔާބުކޮށްފަ އެވެ. ރެއާލް މެޑްރިޑްގައި 16 އަހަރު ހޭދަކުރުމަށް ފަހު، ޝާލްކާ އާއި ގަތަރުގެ އަލް ސާދު އަށް ފަހުން ކުޅުނު ރައުލް ނިއު ޔޯކް ކޮސްމޮސް އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަން ނިމުމުންނެވެ.
ނިއު ޔޯކް ކޮސްމޮސްއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދި ނަމަވެސް، ރައުލް ކުޅުން ހުއްޓާލީ އެ ކްލަބުގައި އެންމެ އަހަރެއް ހޭދަކުރުމަށް ފަހު އެވެ.
ރައުލް ވަނީ ރެއާލް މެޑްރިޑަށް 1994 އިން 2010 ވަނަ އަހަރާ ހަމައަށް ކުޅެފަ އެވެ. ރައުލް އަކީ ރެއާލްގެ މުއްސަނދި ތާރީހުގައި މުހިންމު ކުޅުންތެރިއެކެވެ. ރެއާލްއާއެކު ރައުލް ވަނީ ސްޕެއިން ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
ރެއާލް ދޫކޮށް ރައުލް ޝާލްކާ އަށް ބަދަލުވީ 2010 ވަނަ އަހަރެވެ. އަދި ޝާލްކާގައި ދެ ސީޒަން ހޭދަކުރުމަށް ފަހު، ގަތަރުގެ އަލް ސާދު އަށް ރައުލް ބަދަލުވީ 2012 ވަނަ އަހަރެވެ.
ސްޕެއިންގެ ގައުމީ ޓީމަށް 1996 އިން 2006 ވަނަ އަހަރާ ހަމައަށް ކުޅެ، ރައުލް ވަނީ 102 މެޗުން 44 ލަނޑު ޖަހައިފަ އެވެ.
ސްޕެއިންއަށް އުފަން ރައުލްއަށް، ސްޕެއިންގެ ގައުމީ ޓީމާއެކީ ހޭދަކުރި ދިހަ އަހަރުތެރޭގައި މާބޮޑު ކާމިޔާބީތަކެއް ހޯދިފައިނުވާއިރު، 2011 ވަނަ އަހަރާ ހަމައަށް ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހުމުގެ ރިކޯޑު އޮތީ އޭނާގެ އަތުގައެވެ.
ރައުލް ވަނީ އެޓީމަށް، 104 މެޗު ކުޅެދީ 44 ގޯލް ކާމިޔާބުކޮށްފައެވެ.