ޝާލްކޭގެ ކޯޗުކަމުގެ މަގާމު ރައުލް ގަބޫލެއް ނުކުރި!

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑުގެ ލެޖެންޑް ރައުލްއާ ޝާލްކޭގެ މެނޭޖަރުގެ މަގާމު ހަވާލުކުރުމަށް ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލުނުކޮށް ދޫކޮށްލައިފިއެވެ.

ޖަރުމަންގެ ދެވަނަ ޑިވިޝަންގެ ލީގުގައި ނަތީޖާތައް ދަށްވުމާ ގުޅިގެން ޝާލްކޭ އިން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އެ ކްލަބުގެ ކޯޗުގެ މަގާމުން ތޯމަސް ރެއިސް ދުރުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޝާލްކޭ އިން ވަނީ ކުރިން އެ ކްލަބަށް ކުޅުނު ރައުލް، ކޯޗަކަށް ގެނައުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ރައުލް ވަނީ ޝާލްކޭގެ ހުށަހެޅުން ދޫކޮށްލައިފައެވެ.

ރައުލް ވަނީ ދިގު މުއްދަތަކަށް ރެއާލްގައި ހޭދަކުރުމަށް ފަހު، 2010 ވަނަ އަހަރު ޝާލްކޭއާ ގުޅި، އެ ކްލަބަށް ކުޅުނު 97 މެޗުން 40 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ޝާލްކޭގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެޓީމު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށް، ޖެހިގެން އައި ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި 2015 ވަނަ އަހަަރު ރިޓަޔާވުމަށް ފަހު، ރައުލް ވަނީ އޭނާގެ ކޯޗިން ކެރިއަރު ފަށައިފައެވެ. މިހާރު ރައުލް އިރުޝާދުދެމުން ގެންދަނީ ރެއާލްގެ ރިސާވް ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ކަސްޓިޔާއަށެވެ. އޭގެ ކުރިން އޭނާ ވަނީ ރެއާލްގެ ޔޫތު ޓީމުތަކަށް ވެސް އިރުޝާދުދީފައެވެ.

comment ކޮމެންޓް