ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލެސް އެ ކުލަބަށް އެނބުރި އަންނަންވީ ރަނގަޅު ވަގުތަ ޖެހުމުން އެނބުރި އަންނާނެ ކަމަށް ބުނެފި އެވެ.
ސްޕެއިންގެ ލާގުއެރޯ ރޭޑިއޯ އަށް ދިން އިންޓަވިއުއެއް ލަލީގާއިން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު ރައުލް ބުނީ އޭނާ އާއި ރެއާލްއާ ދެމެދެ އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި ނަމަވެސް މި ވަގުތު އޭނާ ބޭނުން ވަނީ ނިއުޔޯކްގައި މަޑު ކުރަން ކަމަށެވެ.
"ރެއާލްގެ ދޮރު އަބަދު ވެސް ހުންނަނީ އަހަރެން ނަށް ހުޅުވިފައި. އަހަރެންނާއި އެ ކްލަބުގެ ރައީސްއާ ދެމެދު އޮންނަނީ ރަނގޅު ގުޅުމެއް. އަހަރެން އަބަދު ވެސް ވިސްނަން އެ ޓީމާ ދޭތެރޭގައި. އަބަދުވެސް ކާމިޔާބީ އަށް އެދެން،" ރައުލް ބުންޏެވެ.
ރެއާލް މެޑްރިޑުގައި 15 އަހަރު ހޭދަކޮށް އެ ކުލަބާ އެކު ހަ ފަހަރު ސްޕެނިޝް ލީގް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގް ތިން ފަހަރު ކާމިޔާބުކޮށް އަދި ހަތަރު ފަހަރު ސުޕަކްޕަ ކާމިޔާބުކޮށްފައިވާ ރައުލް ވަނީ 2010 ވަނަ އަހަރު އެ ކްލަބު ދޫކޮށް ޖަރުމަނުގެ ޝާލްކޭ އަށް ބަދަލުވެފަ އެވެ.
އަދި އޭގެ ހަތަރު އަހަރު ފަހުން ގަތަރުގެ އަލް ސަދީދީ އަށާއި އެމެރިކާގެ ނިޔޯކް ކޮސްމޮސް އަށް ކުޅުމަށް ފަހު ކުޅުން ހުއްޓާލާފައިވާ ރައުލް ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވީ ނަމަވެސް ކޯޗެއްގެ ގޮތުގައި ކާމިޔާބީ ހޯދުމަށް ވަރަށް ބޮޑަށް ތައްޔާރު ވާން ޖެހޭނެ ކަމަށެވެ.
"އަހަރެން ފުޓްބޯޅައިގެ ތެރެއިންނެއް އަދި ނުފެންނާނެ. ކޯޗެއްގެ ގޮތުގައި ނުކުންނަންޏާ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭނެ. އަހަރެން އެކަމަކަށް އަދި ތައްޔާރެއް ނުވަން،" އުމުރުން 38 އަހަރުގެ ރައުލް ބުންޏެވެ.
ރައުލް ބުނީ ރެއާލްގެ ކޯޗުކަމުން ރަފެއިލް ބެނިޓޭޒް ވަކިކުރުމަށް ފަހު ޒިދާން ހަމަޖެއްސުމާ އެކު ޓީމުން ބަދަލު ފެންނަން ފަށާފައިވާ ކަމަށާއި ޒިދާންއާ އެކު ރެއާލް އަށް ކާމިޔާބް ހޯދޭނެ ކަމަށް ބުނެފަ އެވެ.
"ކޯޗު ބަދަލުވުމާ އެކު ރެއާލްގެ ކުޅުން ވަނީ މުޅިން ބަދަލުވެފައި. ކުޅުންތެރިން ތިބީ އާ ހިތްވަރަކާއި ޖޯޝަކާ އެކު މެޗުތައް ކާމިޔާބުކުރުމުގެ ރޫހެއްގައި. އެކަމުން އެނގެނީ އެއީ ރަނގަޅު ބަދަލެއް ކަމަށް؛" ރައުލް ބުނެޏެވެ.
ރެއާލް އަށް 741 މެޗު ކުޅެދީފައިވާ ރައުލް ވެގެން ގޮސްފައި ވަނީ އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއަށެވެ. އަދި 323 ގޯލު ކާމިޔާބުކޮށް އޭނާ އަކީ ދެވަނަ އަށް އެޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބް ކޮށްދިން ކުޅުންތެރިއާ ވެސްމެ އެވެ.