ޒިދާނަށް ރެއާލްގައި ކާމިޔާބު ކޯޗަކަށް ވެވޭނެ، ނަމަވެސް އޭނާއަށް ވަގުތު ދޭންޖެހޭ: ރައުލް

ރައުލް ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ --- ފޮޓޯ/ ގެޓީ އިމޭޖަސް

ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާނަށް އެ ކުލަބާއެކު ކާމިޔާބު ކޯޗަކަށް ވެވިދާނެ ކަމަށާއި ނަމަވެސް އޭނާއަށް ރެއާލުން ވަގުތު ދޭން ޖެހޭކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭސް ބުނެފިއެވެ.

ރައުލްއާއެކު ރެއާލްއަށް ކުޅޭފައިވާ ޒިދާންއާ ބެހޭގޮތުން ރައުލް ބުނީ މީހުން ބޭނުންވާނެ ކަންތައްތަކަކީ ކޮބައިކަން ޒިދާނަށް އެނގޭނެ ކަމަށާއި މިސީޒަންގައިވެސް ޒިދާނަށް ކާމިޔަބު ނުހޯދޭނޭ ބުނެވެން ނެތް ކަމަށެވެ.

ރައުލް ބުނީ، މިސީޒަންގައި ކާމިޔާބު ނުހޯދުނަސް އަންނަ ސީޒަންގައި ރެއާލްއިން ޒިދާނަށް ފުރުސަތު ދީފިނަމަ އެކުލަބަށް އޭގެ ފޮނި މޭވާ ފެންނާނެކަމަށެވެ.

"ޒިދާންއަށް އެނގޭނެ މީހުން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން. ކިހިނެތްތޯ އެނގޭނީ މިސީޒަންގައިވެސް ރެއާލްއާ އެކު ޒިދާން ކާމިޔާބު ނުހޯދޭނޭ ބުނަން. ދެން މިސީޒަންގައި ކާމިޔާބު ނޫހޯދުނަސް އޭނާއަށް އަންނަ ސީޒަންގައިވެސް ފުރުސަތު ދީފިނަމަ ރެއާލްއަށް އޭގެ ފޮނި މޭވާ ފެންނާނެ،" ރައުލް ބުންޏެވެ.

ޒިދާނަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދައި ފްރާންސަށް ޔޫރޯއާއި ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ.

ޒިދާން އޭނާގެ ފުޓްބޯޅަ ކެރިއާގައި ކާމިޔާބު ހޯދި ގޮތާއި ކާމިޔަބަށް ކުރި މަސައްކަތް ކުޅުންތެރިނަށް އޭނާގެ ތަޖުރިބާގެ އަލީގައި ހިއްސާ ކުރުމުގެ ފެންވަރު ޒިދާންގެ ކިބައިގައި އެބަ ހުރި ކަމަށް ރައުލް ބުންޏެވެ.

ޒިދާންއާ އެއްކޮށް ކުޅުނު އިރު ދުވަހަކުވެސް އޭނާ ކޯޗަކަށް ވެދާނެ ކަމަށް އުންމީދު ކުރިންތޯ ސުވާލު ކުރުމުން ރައުލު ބުނީ ޒިދާން ކޯޗަކަށް ވެދާނެ ކަމަށް ދުވަހަކުވެސް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް އޭނާ ކޯޗަކަށް ވުމާއެކު ކާމިޔާބު ކޯޗެއްގެ ހުންނަންޖެހޭ ކޮލިޓީ ފެނިގެންދާ ކަމަށެވެ.

"ކޯޗް ޒިދާން ދޯ! އަހަރެން ދުވަހަކުވެސް ހީނުކުރަން އޭނާ ކޯޗަކަށް ވެދާނެ ކަމަކަށް، ނަމަވެސް ކޯޗަކަށް ވުމުން ކާމިޔާބު ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ ކޮލިޓީއެއް އޭނާގެ ކިބައިގައި ފެންނަން އެބަހުރި،" ރައުލު ބުންޏެވެ.

comment ކޮމެންޓް