އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް، ހަންގޭރީ ކޮލިފައިވީ، ނޯވޭއާ ބައްދަލުކުރި ޕްލޭއޮފްގެ ދެވަނަ ލެގު މެޗު 1-2 ގެ ނަތީޖާ އިން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 0-1 އިން ކާމިޔާބުކޮށްފައި ވަނީ ވެސް، ހަންގޭރީންނެވެ.
ހަންގޭރީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި، އެޓީމުން ރަނގަޅު ކުޅުމެއް ދެއްކި އިރު މެޗުގެ 14 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑުނަގައިފަ އެވެ. މި ގޯލް ހަންގޭރީއަށް ކާމިޔާބުކޮށްދިނީ، ޕްރިސްކިން އެވެ.
ހަންގޭރީގެ ދެވަނަ ގޯލަކީ، މެޗުގެ 83 ވަނަ މިނެޓްގައި ނޯވޭގެ ނީލޭންޑް އަތުން، ބައިކޮޅަށް ވަތް ގޯލެކެވެ. ނޯވޭގެ ހަމައެކަނި ގޯލް މި މެޗުގައި ކާމިޔާބުކޮށްދިނީ، ހެންރިކްސަން އެވެ.
މިއީ 1986 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތަކަށް، ހަންގޭރީ ކޮލިފައިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ހަންގޭރީ މުބާރާތަށް ކޮލިފައިވި އިރު، ޕްލޭ އޮފް ކުޅެގެން ތިން ޓީމަކަށް ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު އަދި އެބައޮތެވެ.
ޕްލޭ އޮފްގެ ދެވަނަ ލެގުގެ މެޗެއް މިރޭ ވެސް ކުޅޭނެ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ބޮސްނިއާ އާއި އަޔަލޭންޑް އެވެ. މި ދެ ޓީމު ބޮސްނިއާގެ ދަނޑުގައި ބައްދަލު ކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.