ގާނޫނާ ހިލާފުވާ ބިދޭސީން ޑީޕޯޓްކުރަނީ 10 އަހަރަށް: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންތަކެއް ހޯދަން އިމިގްރޭޝަނުން ހިންގާ ޕްރޮގްރާމްގެ ތެރެއިން: ފައިލް ފޮޓޯ

އިމިގްރޭޝަންގެ ގާނޫނާ ހިލާފްވާ ބިދޭސީން ފޮނުވާލަނީ 10 އަހަރަށް ޑިޕޯޓްކޮށްލުމަށްފަހު ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ސައްހަ ލިޔެކިޔުމެއް ނެތި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން އަމިއްލައަށް އެދިގެން އައި ނަމަވެސް ކުށުގެ ބާވަތައް ބަލައި 10 އަހަރަށް ޑިޕޯޓުކުރާ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ މީހުން ހޯދަން މިދިޔަ އަހަރު ހިންގި ޕްރޮގްރާމްގެ ދަށުން ފުރުވާލި މީހުންނަށް އަދަބެއް ނުދޭ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. ނަމަވެސް އެ ޕްރޮގްރާމްގެ ފަހުން މިއަހަރު އަމިއްލައަށް އެދިގެން ފުރަން އައި ނަމަވެސް ކުށުގެ ބާވަތަށް ބަލައި އެމީހުންނަށް އަދަބު ދިނުމަށްފަހު ނޫނީ ފުރުވާ ނުލައި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

"އެ މީހަކު އަމިއްލައަށް އެދިގެން އައި ނަމަވެސް ނުވަތަ ސައްހަ ލިޔެކިޔުމެއް ނެތި ފިލައިގެން އުޅެނިކޮށް ހޯދާ ބިދޭސީން ވެސް ފޮނުވާލަނީ ވަކި އަހަރެއް ވަންދެން ރާއްޖެ ނާދެވޭ ގޮތަށް. އެންމެ ބޮޑު އަދަބަކަށް އޮންނަނީ 10 އަހަރަށް ޑީޕޯޓު ކޮށްލުން،" އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަމުން ސަރުކާރު ހިންގާ ޕީޕީއެމްއަށް ނިސްބަތްވާ ތިނަދޫ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން އިނާމު ލިބޭ ގައުމެއް ރާއްޖެ ނޫނީ ނޯންނަ ކަމަށެވެ. އަދި އެ މީހުންގެ އަތުން ކޮންމެ ވެސް ވަރެއްގެ ފީ އެއް ނަގަން ޖެހޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.

"އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން އިނާމު ލިބޭ ގައުމެއް ނޯންނާނެ ރާއްޖެ ނޫނީ،" ސައުދު ވިދާޅުވީ އެވެ.

އިމިގްރޭޝަނުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ ގާނޫނާ ހިލާފުވެގެން ބިދޭސީން ޖޫރިމަނާ ކުރަން ބަލާއިރު، ގިނަފަހަރަށް ޑިޕޯޓުކުރާ މީހުންގެ އަތުގައި ފައިސާ ވެސް ނުހުންނަ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ގައުމަށް ފޮނުވާލަން ބަލާއިރު، އެމީހުންގެ އަތުގައި ޕާސްޕޯޓު ވެސް ނޯންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"އެމްބަސީތަކަށް ގުޅައިގެން އެމީހުންގެ ޕާސްޕޯޓު ހައްދަން އެބަނަގާ އެތައް ދުވަހެއް. ހަފްތާއަކު ސަތޭކަ މީހުން ފޮނުވާލަން އަޅުގަނޑުމެން ބޭނުންވޭ. އެކަމަކު އެމްބަސީތަކުން ވެސް ލިބެނީ ތިރީހަކަށް ޕާސްޕޯޓު،" އޮފިޝަލު ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފުވެގެން 3،500 ބިދޭސީން ފޮނުވާލާފައިވެ އެވެ.

comment ކޮމެންޓް