މާބޮޑަށް ފިކުރުކުރެވޭތީ ދިމާވި ސިއްހީ މައްސަަލައަކާ ގުޅިގެން ފީފާގެ ރައީސް ސެޕް ބްލެޓޭ ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށްފަހު އިއްޔެ ބްލެޓާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ބްލެޓާގެ ތަރުޖަމާނު ވިދާޅުވީ ބަލި ހާލަތު މިހާރު ހުރި ގޮތުން ބްލެޓާ ބުދަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި ކުރިން ބެލެވިފައި އޮތީ ތިން ދުވަހަށް ބްލެޓާ ހޮސްޕިޓަލުގައި އޮންނަވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން އިއްޔެ ބްލެޓާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފީފާގެ ރައީސްގެ މަގާމުގައި 18 އަހަރު ހޭދަކޮށްފައިވާ ބްލެޓާ 90 ދުވަހަށް ފީފާ އިން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ޔުއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަނީ 90 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
ޕްލެޓިނީ އާއި ބްލެޓާ އަށް ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވަނީ 2011 ވަނަ އަހަރު ބްލޭޓާގެ ފަރާތުން ޕްލެޓިނީ އަށް ލިބުނު 1.35 މިލިއަން ޕައުންޑްގެ ޕޭމަންޓަކާ ގުޅިގެންނެވެ. ޕްލެޓިނީ އަދި ބެލްޓާ ވެސް މި ތުހުމަތުތައް ދޮގުކުރެ އެވެ. ޕްލެޓިނީ ބުނީ އެ ޕޭމަންޓަކީ ބްލެޓާގެ އެޑްވައިޒަރެއްގެ ގޮތުގައި 1998 އިން 2002 ވަނަ އަހަރާ ހަމައަށް އޭނާ މަސައްކަތްކުރިއިރު، މުސާރައިގެ ގޮތުގައި އޭނާ އަށް ނުލިބިހުރި ފައިސާ ކަމަށެވެ.
ފެބްރުއަރީ މަހު އޮންނަ ފީފާގެ އިންތިހާބުގައި ބްލެޓާގެ ބަދަލުގައި އާ ރައީސެއް ފީފާ އިން އިންތިހާބުކުރާނެ އެވެ. މި އިންތިހާބުގައި ހަތް ކެޑިޑޭޓުން ވާދަކުރެ އެވެ.