ފީފާ ގޮވައިގެން ކޯޓަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށް، ފީފާގެ އެތިކްސްއާ ހިލާފަށް ހިންގާފައިވާ ކޮރަޕްޝަންތަކެއްގެ ސަބަބުން ހަ އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައިވާ ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.
އުމުރުން 81 އަހަރުގެ ބްލެޓާގެ ވަކީލުން ބުނެފައިވަނީ ފީފާގެ ފަރާތުން ކޮށްފައިވާ ސަސްޕެންޝަން ބާތިލްކުރުމަށްޓަކައި ކޯޓަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ފީފާގެ އެތިކްސް ކޮމިޓީން ބްލެޓާއާ މެދު ފިޔަވަޅު އަޅާފައިވާ ކަންކަން މިހާރު މުރާޖާ ކުރަމުންދާ ކަމަށާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ބްލެޓާ ބައިވެރިނުވާކަމުގެ ހެކިތައް ހޯދަމުންދާކަމަށް ވެސް ބްލެޓާގެ ވަކީލުން ވަނީ ބުނެފައެވެ.
ސަތާރަ އަހަރު ދުވަސް ވަންދެން ފީފާގެ ރައީސްކަން ކުރެއްވުމަށްފަހު 2015 ވަނަ އަހަރު ބްލެޓާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ފީފާ ރައީސްގެ މަގާމުން ބްލެޓާ އިސްތިއުފާ ދެއްވާފައިވަނީ އެމެރިކާގެ ކުޅިވަރު މާކެޓިން ދެ ކުންފުންޏަކާ ދެމެދު ހިންގާފައިވާ ކޮރަޕްޝަންތަކެއްގެ ސަބަބުން، ފީފާގެ ބޯޑުގެ ބައެއް މެމްބަރުންނާއި ބައެއްް އޮފިޝަލުން އެކަމަށް ޕްރެޝަރު ކުރުމުންނެވެ. މީގެ އިތުރުންވެސް ކުރިން ޔޫއެފާ ރައީސްކަން ކުރެއްވި މިޝޭލް ޕްލެޓިނީއަށް ފީފާގެ އެތިކްސްއާ ހިލާފަށް ބްލެޓާ ދެ މިލިއަން ޔޫރޯ ރިޝްވަތުގެ ގޮތުގައި ދިން ކަމަށްވެސް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ ބުނެފައެވެ.
ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން އަށް އަހަރަށް ޕްލެޓިނީ އަދި ބްލެޓާވެސް ސަސްޕެންޑް ކުރުމަށްފަހު ފީފާއިން ފަހުން ވަނީ އެ ސަސްޕެންޝަން ހަ އަހަރު ދުވަހަށް ކުޑަކޮށްދީފައެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމަށް ކޯޓް އޮފް އާބިޓްރޭޝަނަށް ބްލެޓާ ހުށަހެޅިނަމަވެސް އެ ކޯޓުން ވަނީ ފީފާގެ ސަސްޕެންޝަން ދަމަހައްޓައިފައެވެ.