ޕްލޭއޮފްގައި ނޯވޭގެ މައްޗަށް ކުރި ހޯދައި އަންނަ އަހަރު ފްރާންސްގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާ ގާތަށް ހަންގޭރީން ޖެހިލައިފި އެވެ.
މި ދެ ޓީމު ރޭ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ހަންގޭރީން ކާމިޔާބުކުރީ، 1-0 އިންނެވެ.
ނޯވޭގެ ދަނޑުގައި ކުޅުނު މި މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 26 ވަނަ މިނެޓްގައި ހަންގޭރީގެ ގޯލް ކާމިޔާބުކޮށްދިނީ ލާސްލޯ ލެއިންހެއިސްލާ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.
މި ގޯލަށްފަހު ނޯވޭއިން ކުޅުން ރަނގަޅުކޮށް ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މެޗުގައި ނޯވޭއިން ހަންގޭރީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އެޓީމަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރެވޭ ގޮތް ނުވެފައެވެ.
މިއީ 34 އަހަރުތެރޭ ހަންގޭރީއަށް ނޯވޭ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
މި މެޗު ކާމިޔާބުކޮށް ޔޫރޯއަށް ކޮލިފައިވުމާ ގާތަށް ހަންގޭރީން ޖެހިލައިފައި ވާއިރު، 1986 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު އެޓީމު ބޮޑު މުބާރާތަކަށް ކޮލިފައިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ، އާދީއްތަ ދުވަހު ހަންގޭރީގެ ދަނޑުގައެވެ.