ދިވެހި ގައުމީ ދިފާއީ ބާރުގެ ބަޑި ގުދަނުން ހަތިޔާރުތަކެއް މަދުވެ އާންމު ރައްޔިތުންގެ އަތަށް އެ ހަތިޔާރުތައް އެރުމަކީ ސިފައިންގެ މުއައްސަސާ އަށާއި މުޅި ދިވެހި ގައުމަށް ލިބިގެން ދިޔަ 'ހުތުރެއް' ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އަހްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓަށްފަހު މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ، ސިފައިންގެ މުއައްސަސާއިން ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އެތަނުގެ ކަންކަން ހަރުދަނާކޮށް ރައްޔިތުންގެ ހިތުގައި ސިފައިންގެއާ މެދު ކުރިން އުފެދިފައިވާ ލޯބި އަލުން ހޯދުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"މުޅި މުއައްސަސާއަށް ލިބުނު ހުތުރެއް. މުޅި ދުނިޔެއަށް ވެސް ލިބުނު ހުތެރެއް. އަޅުގަނޑުމެންގެ ގައުމާއި މިގައުމުގެ އެންމެހާ ރައްޔިތުންނަށް ވެސް ލިބުނު ހުތުރެއް ވަރަށް ބޮޑު ހުތުރެއް. ވަރަށް ބޮޑު ނިކަމެތި ކަމެއް. ދެން ވިސްނައި ވަޑައިގަންނަވަންވީ ތިބޭފުޅުންގެ ތެރެއިން [އެމްއެންޑީއެފް]ގެ ތެރެއިން އެބާވަތުގެ އެއްވެސް ކަމެއް ހިނގައިގެން ދެން ނުދާނެކަން ކަށަވަރު ކުރައްވަންވީ. އަޒުމު ކަނޑައަޅުއްވަންވީ. އިންސާނުންނަށް ވީތީ ކުށެއް ކުރެވިދާނެ. އެހެންނަމަވެސް ކުރިއަށް އޮތްތަން ރަނގަޅު ކުރައްވާށޭ،" ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު އެ މަގާމުން ވަކި ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ އެކަމުގެ ރައްދެއްގެ ގޮތުގައި ގާސިމް ވިދާޅުވީ، މިއަދު އަދީބު އޭނާގެ މަގާމުން ވަކި ކުރެެއްވީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށާއި އެއީ އެއްވެސް ޝައްކެއް އެކަމުގައި އޮތް ކަމެއް ނޫން ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ގާނޫނު އަސާސީ ބުނާ ގޮތުން ބާރުތަކެއް ހިފެހެއްޓިގެން އެބަދޭ. އޭގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުމުގައި [ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު] މި ދެންނެވި މައްސަލަ 7 ދުވަހަށް ކުރު ކުރުމަށް ހުށަހަޅުއްވާފައި މިވަނީ. އެއީ އެމަނިކުފާނަށް [ރައީސް ޔާމީނަށް] ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް. އެ ބާރު ނިގުޅައި ގަނެވޭނީ ރައްޔިތުންގެ މަޖިލީހުން އެ ބާރު ނިގުޅައި ގަންނަން ބޭނުމިއްޔާ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން 58 މެމްބަރުންގެ ވޯޓުން ދެއްކެވީ އެހެނެއް ނޫން ކަން. އެހެނެއް ނޫންކަން ވަރަށް ސާބިތު ކަމާއި އެކީގައި. އެހެންވީމަ އިތުރަކަށް ދައްކާކަށް ވާހަކައެއް ނެތް،" ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ނައިބު ރައީސް ކަމުން އަދީބު ވަކި ކުރެއްވުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. އެ ގަރާރު ހުށަހަޅުއްވަމުން އަބްދުރަހީމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ އަދީބު ޒިންމާ އަދާ ނުކުރައްވާތީ އާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވުމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނުކުޅެދިފައިވުމުން ކަމަށެވެ.