އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅުނު މެޗްތަކުގައި ސަޕޯޓަރުންގެ އަމަލުތައް ހުރިގޮތުން އިންގްލެންޑާއި ސްކޮޓްލެންޑާއި ޕޮލެންޑް އަދި ލިތުއޭނިއާގެ ފުޓްބޯޅައިގެ މައި އިދާރާތައް ޖޫރިމަނާ ކޮށްފިއެވެ.
ލިތުއޭނިއާއާ ދެ ކޮޅަށް ކުޅެ އިންގްލެންޑް 0-3 އިން މޮޅުވި މެޗްގައި އިންގްލެންޑް ގެ ސަޕޯޓަރުންގެ ފަރާތުން ފުޓްބޯޅައިގެ އާންމު އުސޫލާއި މިންގަނޑުތަކާ ހިލާފްވެފައި ވާތީވެ އިނގިރޭސި ފުޓްބޯޅައިގެ މައި އިދާރާ ވަނީ 15 ހާސް ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ.
ސްކޮޓްލެންޑްގެ ފްޓްބޯޅަ އިދާރާ 20 ހާސް ޔޫރޯއިން ޖޫރިމަނާ ކުރީ ޕޮލެންޑާއި ދެ ކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ސްކޮޓްލެންޑްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެރުމުގެ ސަބަބުންނެވެ.
ދަނޑުގެ ސެކުއުރިޓީ އޮފިސަރުންނަށް ހަމަލާ ދިނުމާއި ގުޅިގެން ޕޮލެންޑް އެފްއޭ 40 ހާސް ޔޫރޯއިން ޖޫރިމަނާ ކޮށްފައިވާއިރު ޕޮލެންޑް ވަނީ އެ މެޗުން 2-2 ގެ ނަތީޖާއަކުން އިންގްލެންޑާ އެއްވަރުވެފައެވެ. އަދި އެ މެޗްގައި ސަޕޯޓަރުން ވަނީ ދަނޑުމައްޗަށް ބަޑިބޭސް ފަދަ އެއްޗިހިވެސް އުކާއި ހަދާފައެވެ.
ލިތުއޭނިއާ އެފްއޭ ޖޫރިމަނާ ކުރީ އިންގްލެންޑާއި ދެ ކޮޅަށް ކުޅުނު މެޗްގައި އެ ޓީމްގެ ސަޕޯޓަރުން ސިޑި ބަރިތައް ބަންދުކޮށް އަމަން ބަލަހައްޓާ ފަރާތްތަކަށް ދަތިވާ ގޮތަށް އަމަލުތައް ބަހައްޓާފައިވާތީކަމަށް ޔުއެފާ އިން ބުނެއެވެ.