އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ބީޖީ ސްޕޯޓްސް ކްލަބު އަތުން 1-3ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ ބުރު މޮޅަކުން ނިންމާލައިފިއެވެ.
މިނިވަން ފަންސާހުގެ ކުޅިވަރު ތަކަށް ގައުމީ ފުޓްބޯޅަ ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ހަލާކުވި ވިނަގަނޑު މުޅިން ރަނގަޅު ނުވާތީވެ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ޓީސީ އިންނެވެ.
މެޗްގައި ޓީސީއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިއާ ރަފޭލް ބެޓިމް މާޓް (ރަފީނިއާ) އެވެ.
މެޗް ފެށިގެން ރަނގަޅު ކުޅުމެއް ދައްކަމުންއައި ޓީސީއަށް ލީޑް ނަގައިދިނީ މެޗްގެ 30 ވަނަ މިނެޓް ގައި ބީޖީގެ ކީޕަރު އިފްރާހް ޕެނެލްޓީ އޭރިއާ ތެރެއިން ރަފީނިއާ އަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީ އޭނާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ މެޗްގައި ޓީސީއަށް ލީޑް ފުޅާކޮށް ދިނީ މެޗްގެ 35 ވަނަ މިނެޓް ގައި ލިބުނު ހިލޭޖެހުމަކުން ބިދޭސީ ޑިފެންޑަރު ޖަޕާންގެ އިވަސާކީ ޔޮހޭ ކުރިއަށް ފޮނުވާލައި ބީޖީގެ ވޯލްގައި ޖެހި ރީބައުންސް ވެގެން ނިކުތް ބޯޅަ ޕެނެލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލައިގެން ބީޖީގެ ގޯލް މަތީ ކަނަށް ވައްދާލައިގެންނެވެ.
ޓީސީގެ ފަހު ލަނޑު ރަފީނިއާ ކާމިޔާބުކުރީ ދެވަނަ ހާފްގެ 50 ވަނަ މިނިޓްގައި އަލީ ނާފިއު (ކަޅޭ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
އެ މެޗްގައި ބީޖީއަށް ސުން ކަނޑުވާލަ ދިނީ 66 ވަނަ މިނެޓް ގައި ލިބުނު ޕެންލަޓީއެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމްގެ ސްޕެއިން ފޯވާޑް އެސްކޮބެޑޯ ކާމޯނާ އެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓީސީގެ އިވަޒަކީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.
މި ނަތީޖާއާ އެކު ޓީސީ ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއް ވަނައަށް އަރައިފަ އެވެ. އެއް ވަނައިގައި އޮތް ނިއު އާއި ޓީސީ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ޓީސީ އަށް ކުރިލިބެނީ ފައިދާ ގޯލް އެއްވަރުވެ ޖެހި ގޯލް ނިއު އަށް ވުރެ ގިނަ ވުމުންނެވެ. ތިން ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.