ފީފާގެ ރައީސް ކަމުގެ މަގާމުގައި ހުރި ސެފް ބްލެޓާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން 90 ދުވަހަށް ސަސްޕެންޑް ކުރުމަށް ފީފާގެ އެތިކްސް ކޮމިޓީން ލަފާދީފި އެވެ.
ފީފާގެ މިނިވަން އެތިކްސް ކޮމިޓީީއިން ބްލެޓާ ސަސްޕެންޑް ކުރުމަށް ލަފާދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފީފާއާ ގުޅުން ހުރި ފައިސާގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާތީއާއި ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓްނީއަށް ފީފާއިން ދޭންޖެހޭ ފައިސާތަކެއް ފީފާއަށް ގެއްލުން ވާގޮތަށް އެއްފަހަރާ ދީފައިވާތީއެވެ.
ބްލެޓާގެ ގިނަ ދުވަސްވީ ވަރަށް އަރިސް މީހެއްކަމުގައިވާ ކްލާސް ސްޓޯލްކަރ ބުނީ ފީފާގެ މިނިވަން އެތިކްސް ކޮމިޓީގެ އިންވެސްޓިގޭޓަރީ ޗެމްބާގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހެންސް ޖޯކިމް އެކާޓް، ވަގުތީ ގޮތުން ބްލެޓާ ސަސްޕެންޑް ކުރުމަށް މިއަންނަ ހުކުރު ދުވަހު ނިންމާނެ ކަމަށެވެ.
"މިހާތަނަށް އަދި ފައިނަލް ވަކި ނިންމުމެއް ނުނިންމާ" ކަމަށާއި "އެއީ ފީފާގެ އެތިކްސް ކޮމީޓީގެ އާދައިގެ މެންބަރުންގެ ފަރާތުން އެކޮމީޓީގެ ޓޮޕް މެނޭޖުމަންޓަށް ހުށަހަޅާފައިވާ ހުށަހެޅުމެއް" ސްޓްލްކާ ބުންޏެވެ.
އޭނާ ބުނީ އެކަމާ ގުޅޭ ގޮތުން ލިބޭ މައުލޫމަތުތައް ބްލެޓާއަށް އަންގަމުން ދާކަމަށާއި މާދަމާވެސް އޮފީހަށް ބްލެޓާ ނިކުންނަވާނެ ކަމަށެވެ.
ފީފާގެ ތަރުޖަމާނެއް ބުނީ ސީދާ ބްލެޓާގެ ތަހްގީގާ ބެހޭގޮތުން އޭނާގެ ވަކީލު އަދި މިހާތަނަށް މިކަމާ ބެހޭ ގޮތުން ކޮމެންޓެއް ކޮށްފައި ނުވާކަމަށެވެ.
އަދި ފަނޑިޔާރު އެކާޓްގެ ތަރުޖަމާންވެސް ވަނީ މިކަމާ ބެހޭގޮތުން އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައެވެ. އަދި އެތިކްސް ކޮމިޓީގެ އިންވެސްޓިގޭޓަރީ ޗެމްބާއިން މިކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ބްލެޓާ ސަސްޕެންޑްކޮށްފިނަމަ ފީފާގެ ގަވާޢިދު ބުނާ ގޮތުން ފީފާގެ ރައީސް ކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަ ވާނީ ފީފާގެ އެންމެ ސީނިއާ ވައިސް ޕްރެޒިޑެންޓް އެފްރިކަން ފުޓްބޯލް ކޮންފެޑްރޭޝަންގެ ރައީސް ކެމަރޫންގެ އިއްސާ ހަޔާޓޫއެވެ.
ބްލެޓާ ސަސްޕެންޑް ކުރުމުގެ ވާހަކަތައް ދެކެވިފައިވާއިރު، ފީފާގެ ސެކްޓްރީ ޖެނަރަލް ޖްރޯމް ވޯލްކޯވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފައެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިމައްސަލަތަކުގެ ތެރޭގައި ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓްނީގެ މައްސަލައެއް ވެސް ތަހްގީގު ކުރަމުން ދެއެވެ. ނަމަވެސް މިއިން އެއްވެސް ކަމާކާ ބެހޭ ގޮތުން އެތިކްސް ކޮމިޓީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބްލެޓާ ސަސްޕެންޑް ކުރުމަށް ހުށަހަޅާފައިވާއިރު ސްވިސްގެ ކޯޓެއްގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.